އެމެރިކާގެ ރައީސް ޖޯ ބައިޑެން އަށް އޮތް ތާއީދު ދުވަހުން ދުވަހަށް ދަށަށްދާ ކަމުގެ ހެކިތައް ފެންނަން ފަށައިފިއެވެ.

ބައިޑެން އަށް އޮތް ތާއީދު ދަށް ވަނީ އޭނާގެ ވެރިކަމުގެ ސިޔާސަތަށް އެ ގައުމުގެ ރައްޔިތުން ތާއީދުނުކޮށް އެ ސިޔާސަތުތަކަށް ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ފާޑު ކިޔަމުންދާތީއެވެ. އެމެރިކާގެ ކުއިނިޕިކް ޔުނިވަސީޓިން ހެދި ދިރާސާއެއް ދައްކާ ގޮތުން ބައިޑެން ރައީސް ކަމުގައި ބަހައްޓަން މިހާރު ތާއީދު ކުރަނީ ސާވޭގައި ބައިވެރިވި މީހުންގެ ތެރެއިން 38 އިންސައްތަ މީހުންނެވެ.

މީގެ ތިން ހަފްތާއެއް ކުރިންވެސް މި ޕޯލް ނެގި އިރު އެފަހަރު ބައިޑެން އަށް ތާއީދުކުރީ 42 އިންސައްތަ މީހުންނެވެ. އެކި ދާއިރާތަކުން ބައިޑެން ކުރައްވާ މަސައްކަތްތަކުން އޭނާ އަށް އޮތް ތާއީދުވެސް މި ދިރާސާގައި ބަލާފައި ވެއެވެ.

އަސްކަރިއްޔާގެ ކޮމާންޑާ އިން ޗީފްގެ މަގާމުގައި އޭނާ ހުންނަވާ އިރު އަސްކަރިއްޔާގެ ހިންގެވުމަށް އޭނާ އަށް ތާއީދު ކުރަނީ 37 އިންސައްތަ މީހުންނެވެ. އަދި 58 އިންސައްތަ މީހުން އޭނާ ކުރައްވަމުން ގެންދަވާ ކަންކަމަށް ތާއީދު ނުކުރެއެވެ. އޭގެ ތެރެއިން އެއް ކަމަކީ އަފްޣާނިސްތާނުން އެމެރިކާ ސިފައިން ފޭބުމަށް އެންގުމެވެ.

އަފްޣާނިސްތާނުން އެމެރިކާ ސިފައިން 20 އަހަރަށް ފަހު ފޭބުމަށް އެންގުމުން އެކަމަށް ސިފައިންގެ އާއިލާތަކުންނާއި އެމެރިކާގެ ގިނަ އަދަދެއްގެ ރައްޔިތުން ނުރުހުން ފާޅުކުރިއެވެ. އަދި ބައިޑެންގެ އެ އެންގުމަކީ އަފްޣާނިސްތާނުގައި މަރުގެ އެމެރިކާ ސިފައިންނަށް ކުރި ޖެއްސުމެއް ކަމަށް އެގައުމުގެ ރައްޔިތުން ބުނަމުން ދިޔައެވެ.

އެމެރިކާގެ އާބާދީގެ ކޮންމެ ދިހަ މީހަކުން ތިން މީހުން ބައިޑެންގެ މި އެންގުމަށް ތާއީދު ކުރެއެވެ. ފަންސާސް އިންސައްތަ މީހުން ގަބޫލުކުރާގޮތުން އަފްޣާނިސްތާނުން އެމެރިކާގެ ހުރިހާ ސިފައިން ފޭބުން ރަނގަޅެއް ނޫނެވެ. އޭގެ ތެރެއިން ބައެއް ސިފައިން އަފްޣާނިސްތާނުގައި ބޭތިއްބުމަށް އެމީހުން ތާއީދެވެ. އަދި 15 އިންސައްތަ އެމެރިކާ ރައްޔިތުން ގަބޫލުކުރާގޮތުގައި އެމެރިކާގެ ސިފައިން އެއްވެސް ގޮތަކަށް އަފްޣާނިސްތާނުން ފޭބުން ރަނގަޅެއް ނޫނެވެ.

ކޮވިޑާ ގުޅިގެން ބައިޑެން ގެންގުޅުއްވާ ސިޔާސަތަށް އޭނާ އަށް 50 އިންސައްތަ މީހުން ތާއީދު ކުރެއެވެ. އެގައުމުގައި ވަޒީފާތައް ލިބޭ މިންވަރު ހުރިގޮތާއި މެދު ބައިޑެން އަށް ތާއީދު ކުރަނީ 38 އިންސައްތަ މީހުންނެވެ. ބޯޑަރުގެ މައްސަލާގައި ބައިޑެން އަށް 67 މީހުން ތާއީދު ނުކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހަވާސާ ހަމީދު

    އެމެރިކާ އާޢި އިންޑިޔާ އާއި ޗައިނާ އަކީވެސް ބައިބައިވެ ކުދިގައުމުތަކަކަށް ވެގެންނޫނީ ދުނިޔެއަށް ހަމަޖެހުމެއްނުލިބޭނެ!

    1
    1