ހުކުރު ވަގުތާއި ދިމާކޮށް އަފްޣާނިސްތާނުގެ މިސްކިތެއްގައި ބޮމެއް ގޮއްވާލައިފިއެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި މިހަމަލާ ދީފައި ވަނީ އަފްޣާނިސްތާނުގެ އުތުރުގެ ސިޓީއެއް ކަމަށްވާ ކުންދޫޒްގައި ހުންނަ ޝީއީންގެ މިސްކިތަކަށެވެ. ހަމަލާ ދިނީ ހުކުރު ކުރަން މީހުން މިސްކިތުގައި ތިއްބައެވެ.

ތާލިބާނުގެ ޗީފް ސްޕޯކްސްޕާސަން ޒަބިހުﷲ މުހާޖިދު ބުނެފައިވަނީ މިއަދު މެންދުރުގެ ވަގުތެއްގައި ހިނގި މި ހާދިސާގައި ބައެއް މީހުން މަރުވެ، ގިނަ ބަޔަކު ޒަހަމްވެފައިވާ ކަމަށެވެ.

މިހާދިސާގެ ބައެއް ފޮޓޯތަކާއި ވީޑިއޯތައް މީސްމީޑިއާގައި ދައުރުވަމުން އަންނައިރު، ބައެއް ފޮޓޯތަކުން މީހުންނަށް ޒަހަމްވެފައިވާ މަންޒަރު ވެސް ފެނެއެވެ. އޭގެ ތެރޭގައި އިންޓަނޭޝަނަލް އެއިޑްގައި މަސައްކަތް ކުރާ މުވައްޒަފަކު ވެސް ހިމެނެއެވެ.

ހަމަލާ ދީފައި ވަނީ މީހަކު ހަށިގަނޑުގައި ބިން ހަރުކޮށްގެން މިސްކިތައް ވަދެ ޖާނުން ފިދާވެގެން ކަމަށް މިހާތަނަށް ލިބުނު ރިޕޯޓްތައް ބުނެއެވެ.

ފޮޓޯތަކާއި ވީޑިއޯތަކުން ފެންނަ ގޮތުގައި ހަމަލާގައި މަރުވި ގިނަ މީހުންގެ ހަށިތައް ވަނީ ވަކިކުރަން ނޭނގޭ ވަރަށް ކުދިކުދިވެފައެވެ.

މިއީ އޮގަސްޓް މަހު ޠާލިބާނުން އަފްޣާނިސްތާންގެ ވެރިކަން ހޯދި ފަހުން އެގައުމުގައި ދިން އެންމެ ނުރައްކާތެރި ހަމަލާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ. މިހަމަލާގެ ޒިންމާ އަދި އެއްވެސް ފަރާތަކުން އުފުލާފައެއް ނުވެއެވެ.