އިންސާނީ އެހީތެރިކަމަށް ބޭނުންޖެހިފައިވާ އަފްޣާނިސްތާނަށް އެހީތެރިވުމުގައި ގުޅިގެން މަސައްކަތް ކުރާނެ ކަމަށް ދުނިޔޭގެ އެންމެ ކުރިއަރާފައިވާ 20 ގައުމުގެ އެންމެ އިސްވެރިން އެއްބަސްވެއްޖެއެވެ.

ކުއްލި ބައްދަލުވުމެއް ބޭއްވުމަށްފަހު ރިޔާސަތު ބެލެހެއްޓި އިޓަލީވިލާތުން ބުނެފައިވަނީ އަފްޣާނިސްތާނަށް ކުރިމަތިވެފައިވާ އިންސާނީ ހާލަތުން އެ ގައުމު ސަލާމަތްކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ. އަދި އެ މަސައްކަތުގެ ތެރޭގައި މިހާރު އަފްޣާނިސްތާނުގެ ވެރިކަންކުރަމުންދާ ތާލިބާން ޖަމާއަތާއިއެކު މަސައްކަތް ކުރަންޖެހުނު ނަމަވެސް ފަސްނުޖެހެން އެ ބައްދަލުވުމުގައި ނިންމާފައިވާކަން ހާމަކުރެއްވިއެެވެ.

އަފްޣާނިސްތާނަށް އެހީވުމުގައި ތާލިބާނުންނާއެކު މަސައްކަތްކުރަންޖެހުނު ނަމަވެސް އެ ކަންކުރުމުގައި ފަސްނުޖެހޭނެކަމަށް ޖީ20ން ބުނެފައިވަނީ އެ ޖަމާއަތުގެ ވަފުދަކާ އެމެރިކާއާއި ވިލާތުގެ އިއްތިހާދުގެ މަންދޫބުން ބައްދަލުކުރައްވާފައިވާ ދަނޑިވަޅެއްގައެވެ.

އަދިވީޑިޔޯ މެދުވެރިކޮށް ބޭއްވި ޖީ20ގެ އިސްވެރިންގެ ކުއްލި ބައްދަލުވުގައި އެހީގެ ގޮތުގައި ވިލާތުގެ އިއްތިހާން އަފްޣާނިސްތާނަށް އެއް ބިލިޔަން ޔޫރޯ ދިނުމަށް ވައުދުވެފައިވެއެވެ.

ވިލާތުގެ އިއްތިހާދުން ދޭން ނިންމި އެއް ބިލިޔަން ޔޫރޯގެ ތެރޭގައި އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް އިތުރު 250 މިލިޔަން ޔޫރޯ ކަނޑައަޅާފައިވެއެވެ. އަފްޣާނިސްތާނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް 300 މިލިޔަން ޔޫރޯ ދިނުމަށް އެ އިއްތިހާދުން މީގެ ކުރިންވަނީ ވައުދުވެފައިވެއެވެ.

މި ބައްދަލުވުމުގައި އެމެރިކާގެ ރައީސް ޖޯ ބައިޑެންނާއި އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ބައިވެރިވެ ވަޑައިގެންނެވިއެވެ. ނަމަވެސް، ޗައިނާގެ ރައީސް ޝީ ޖިންޕިންނާއި ރަޝިޔާގެ ރައީސް ވުލަޑުމީރް ޕުޓިން އެ ބައްދަލުވުގައި ބައިވެރިވަޑައިގެންފައެއް ނުވެއެވެ. މި ދެބޭފުޅުންގެ ބޭފުޅުންގެ ބަދަލުގައި އެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންފައިވަނީ ދެ މަންދޫބުންނެވެ.