އަފްޣާނިސްތާނުގެ ކަންދަހާރް ސިޓީގައި ހުރި މިސްކިތަކަށް ދިން ހަމަލާގައި 32 މީހަކު މަރުވެ، ގިނަ ބަޔަކު ޒަހަމްވެއްޖެއެވެ.

ބޭރުގެ މީޑީއާތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި މި ހަމަލާ ދީފައިވަނީ އެގައުމުގައި އުޅޭ ޝީއީ މުސްލިމުން ނަމާދު ކުރުމަށް ބޭނުން ކުރާ ބީބީ ފާތިމާ މިސްކިތުގައި ބާރުގަދަ އެއްޗެއް ގޮއްވާލައިގެންނެވެ. މިއީ އެސިޓީގައި ހުންނަ ޝީއީ މިސްލުމުން ނަމާދު ކުރާ އެންމެ ބޮޑު މިސްކިތެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި މި ހަމަލާގައި މިހާތަނަށް 32 މީހަކު މަރުވެ، 45 އަށްވުރެ ގިނަ މީހަކަށް ވަނީ އެކި ވަރުގެ ޒަހަމްތައް ލިބިފައެވެ. މި ހަމަލާއަކީ ހުކުރު ނަމާދަށް މީހުން މިސްކިތަށް ޖަމާވެފައިވާ ވަގުތަކަށް ބަލައި ދީފައިވާ ހަމަލާއެކެވެ.

މި ހަމަލާދީފައިވަނީ ކޮންބައެއްކަން އަދި އެނގިފައިނުވާއިރު، ރިޕޯޓްތައް ބުނާ ގޮތުގައި މިއީ ޖާނުން ފިދާވުމުގެ ހަމަލާއެކެވެ. އެހަމަލާގެ ޒިންމާ އެއްވެސް ޖަމާއަތަކުން އުފުލާފައި ނުވާއިރު، އަފްގާނުގައި އުޅޭ ޝީއީ މުސްލިމުންނަށް އަމާޒުކޮށް މީގެކުރިން އަފްގާނުގައި ހަރަކާތްތެރިވާ އިސްލާމި ސްޓޭޓް ހޮރަސާން (އައިއެސް-ކޭ) އިން ވަނީ ހަމަލާތަކެއް ދީފައެވެ. އައިއެސް-ކޭ އަކީ އަފްގާނިސްތާނުގެ އައިއެސް ގްރޫޕަށް ހާއްސަ ނަމެވެ.

މި ހަމަލާއާއި ގުޅިގެން އަފްޣާނިސްތާނުގެ އިންޓީރިއާ މިނިސްޓަރީގެ ސްޕޯކްސްޕާސަން ސައިދް ޚޮސްތީ ބުނެފައިވަނީ ތާލިބާނުގެ އަސްކަރިއްޔާގެ މީހުން އެސަރަހައްދުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށާއި އެއީ ކިހިނެތް ހިނގައިދިޔަ ކަމެއްތޯ ބަލައި އެކަމުގައި ޝާމިލުވާ މީހުންނަށް އަދަބު ދޭނެ ކަމަށެވެ.