އަފްޣާނިސްތާނުގެ އެންމެ ބޮޑު އަސްކަރީ ހޮސްޕިޓަލުގެ ބޭރުގައި އިސްލާމިކް ސްޓޭޓް (އައިއެސް) ޖަމާއަތުން ދިން ހަމަލާއެއްގައި ތާލިބާނުންގެ އިސް ކޮމާންޑަރެއް އަވަހާރެއްޖެއެވެ.

މި ހަމަލާގައި އިތުރު ބަޔަކުޥެސް މަރުވެފައި ވެއެވެ. އޭގެ ތެރޭގައި ތިން އަންހެނުންނާއި ކުޑަކުއްޖަކު ހިމެނެއެވެ.

ވެރިރަށް ކާބުލްގެ 10 ވަނަ ޑިސްޓްރިކްޓްގައި ހުންނަ 400 އެނދުގެ ސަރުދާރު މުހަންމަދު ދާވޫދު ހާން ހޮސްޕިޓަލަށް ވަންނަ ދޮރާށިދޮށަށް ނުރައްކާތެރި ދެ ބޮން ގޮއްވާލާފައިވާ ކަމަށް އެ ގައުމުގެ ސަރުކާރުން އިއްޔެ ބުނެފައިވެއެވެ.

ސަރުކާރުގެ ތަރުޖަމާނު ޒަބީހުالله މުޖާހިދު ވިދާޅުވީ، އައިއެސްގެ ހަތިޔާރުއެޅި ހަނގުރާމަވެރިން ބަޑިޖަހައިގެން ހޮސްޕިޓަލަށް ހަމަލާދީފައިވާ ކަމަށެވެ. އަދި ހޮސްޕިޓަލަށް ވަންނަން ހަނގުރާމަވެރިން މަސައްކަތްކުރަން ފެށުމުން ސިފައިންނާ ދެމެދު ކުރިމަތިލުމަކަށްގޮސް ހަނގުރާމަވެރިން ފަހަތައް ޖައްސާފައިވާ ކަމަށް މުޖާހިދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ހަމަލާދިން ފަސް މީހުން ބޭނުންވަނީ އެތެރޭގެ އާންމުންނާއި ޑޮކްޓަރުންނަށް އަމާޒުކޮށް ހަމަލާދޭން ކަމަށާއި ނަމަވެސް "އެމީހުންގެ އަމާޒަށް ވާސިލުވުމުގެ ކުރިން އަހަރެމެންގެ ސިފައިން އެމީހުން މަރާލާފައިވާ" ކަމަށެވެ.

މި ހަމަލާތަކުގައި 25 މީހުން މަރުވެ 50 އަށް ވުރެ ގިނަ މީހުން ޒަހަމްވެފައިވާ ކަމަށް ތާލިބާނުން ވަނީ ބުނެފަ އެވެ.

މިދިޔަ އޮގަސްޓް މަހު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމާ ހަވާލުވީ ފަހުން ހައްދުފަހަނައަޅާފައިވާ ހަނގުރާމަވެރި ޖަމާއަތުން ދެމުންގެންދާ ބޮމުގެ ހަމަލާތައް އިތުރުވަމުން އަންނަކަން ފާހަގަ ކޮށްލެވެއެވެ. އަފްޣާނިސްތާނަށް އިއްޔެ ދިން މި ހަމަލާގެ ޒިންމާ އިސްލާމިކް ސްޓޭޓް (އައިއެސް) އިން އަދި އުފުލާފައެއް ނުވެއެވެ.

މިދިޔަ އޮކްޓޯބަރު މަހުގެ މެދުތެރޭގައި އައިއެސް އިން ވަނީ އަފްޣާނިސްތާނުގެ ދެކުނުގެ މިސްކިތަކަށް ދިން ޖާނުން ފިދާވުމުގެ ބޮމުގެ ހަމަލާއެއްގައި 47 މީހުން މަރުވުމުގެ ފަހަތުގައި ވާ ކަމަށް ބުނެފައެވެ.