ޖަޕާންގެ ކަނޑުގެ ސަރަހައްދަށް ޗައިނާގެ އަސްކަރީ ކަނޑުގެ އުޅަނދުތައް ތަކުރާރުކޮށް ވަންނަމުންދާތީ ޖަޕާނުން ހިތްހަމަނުޖެހިއްޖެއެވެ.

ޖަޕާންގެ ފޮރިން މިނިސްޓްރީގެ އޯޝޭނިއަން އެފެއާޒް ބިއުރޯގެ ހެޑް ޓަކެހެރޯ ފުނަކޮށި ވިދާޅުވީ ޗައިނާގެ ކަނޑުގެ އުޅަނދުތައް ފެނިފައި ވަނީ ސެންކަކޫ ރަށްތައް ކައިރިން ކަމަށެވެ. މިކަމުގެ ޝަކުވާ އޭނާ ހިއްސާ ކުރެއްވީ ޗައިނާގެ ފޮރިން މިނިސްޓްރީގެ ޑިރެކްޓަރު ޖެނެރަލްއެއް ކަމަށްވާ ހޮންގް ލިއަންގްއާ އެކު ވާޗުއަލްކޮށް ބޭއްވި ބައްދަލުވުމެއްގައެވެ.

މި ޝަކުވާ ޖަޕާނުން ކުރުމާ ގުޅިގެން ހޮންގް ވިދާޅުވީ މިކަމާ ގުޅިގެން ސަރަހައްދުގެ މަސްލަހަތު ގެއްލޭ ފަދަ ކަމެއް ޖަޕާނުން ނުކުރާނެ ކަމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

ސެންކަކޫއަކީ ޖަޕާންގެ ބާރުގެ ދަށުގައި އޮންނަ ސަރަހައްދެކެވެ. އެކަމަކު، އެއީ ޗައިނާގެ ތަނެއް ކަމަށް ބުނެ އެ ގައުމުން އަބަދުވެސް ވަކާލާތު ކުރެއެވެ.

މިއީ ޖަޕާންގެ ބޮޑުވަޒީރު ފުމިއޯ ކިޝިޑާ މަގާމާ ހަވާލުވެވަޑައިގެންނެވި ފަހުން ޖަޕާނާއި ޗައިނާގެ އިސް ބޭފުޅުންތަކެއް ބައްދަލު ކުރެއްވި ފުރަތަމަ ފަހަރެވެ. މި ދެ ބޭފުޅުން މިދިޔަ ޖޫން މަހުގެ ތެރޭގައި ވެސް ބައްދަލު ކުރައްވާފައިވެއެވެ.

ދެ ބޭފުޅުންގެ ބައްދަލުވުމުގައި ޗައިނާ އާއި ޖަޕާންއާ ދެމެދުގައި އޮތް ގުޅުން ބަދަހި ކުރުމަށް މަޝްވަރާ ކުރި ކަމަށެވެ.