އަވައްޓެރި ސްރީލަންކާ އަށް ކުރިމަތިވެފައިވާ އިގްތިސޯދީ މައްސަލަތަކަށް ހައްލު ހޯދައި، މިހާރު ކުރިމަތިވެފައިވާ ހާލަތުން އަރައިގަތުމަށް ސަރުކާރުން ގެންގުޅޭ ޕްލޭން ސްރީލަންކާގެ ފިނޭންސް މިނިސްޓަރު ބާސިލް ރާޖަޕަކްސަ އިއުލާން ކުރައްވައިފިއެވެ.

ބާސިލް ވިދާޅުވީ ލަންކާ ސަރުކާރުގެ އަމާޒަކީ އަންނަ އަހަރު އެގައުމުގެ އާމްދަނީ އަށް 333 ބިލިއަން ރުޕީސް އިތުރު ކުރުން ކަމަށެވެ. އެއީ 1.64 ބިލިއަން ޑޮލަރެވެ.

އާމްދަނީ އިތުރު ކުރުމަށްޓަކައި ޓެކްސް ސާޗާޖެއް ނަގަން ވަނީ ނިންމާފައެވެ. އެއީ އެއްފަހަރު ދައްކަން ޖެހޭ ސާޗާޖެކެވެ. ސަރުކާރުން ކަނޑައަޅާ އާމްދަނީއެއް ލިބޭ ފަރާތްތަކުގެ އަތުން ސާޗާޖްގެ ގޮތުގައި %25 ނަގަން ވަނީ ނިންމާފައެވެ. މިޓެކްސް އިިން އަންނަ އަހަރު ލަންކާ ސަރުކަރަށް 100 ބިލިއަން ރުޕީސް ލިބޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

"މިކެޓަގަރީއަށް ފެތޭ 62 ކުންފުނި ނުވަތަ މީހުން ލަންކާގައި އެބަތިބި." ބާސިލް ވިދާޅުވިއެވެ. އެންމެ 62 މީހުން ނުވަތަ ކުންފުނީގެ އަތުން 100 ބިލިއަން ރުޕީސް އިތުރު ކުރުމަކީ ބޮޑު ގެއްލުމެއް ލިބިދާނެ ކަމަށް ބައެއް ތަޖުރިބާކާރުން ވިދާޅުވެއެވެ. ނަމަވެސް ތަޖުރިބާކާރުން ވެސް އެއްބަސްވާ ގޮތުގައި އާމްދަނީ އިތުރު ކުރުމަށް ކުރެވޭނެ މާގިނަ ކަންތައްތަކެއް ވެސް ލަންކާ ސަރުކާރަކަށް ނެތެވެ.

އޭގެ އިތުރުން ސޯޝަލް ސެކިއުރިޓީ ކޮންޓްރިބިއުޝަންގެ ނަމުގައި އިތުރު ޓެކްސްއެއް ނަގަން ވަނީ ނިންމާފައެވެ. %2.5 މިޓެކްސްގެ ގޮތުގައި ނަގާނެއެވެ. މިޓެކްސް ނަގާނީ 120 މިލިއަން ރުޕީސްއަށްވުރެ ބޮޑު އާމްދަނީއެއް ލިބޭ ކުންފުނިތަކުންނެވެ. ލަންކާ ސަރުކާރުން އުއްމީދު ކުރަނީ މިޓެކްސް އިން 140 ބިލިއަން ރުޕީސް ލިބޭނެ ކަމަށެވެ.

އަންނަ އަހަރު އާމްދަނީ އިތުރު ކުރުމަށް ދެން ކުރާނެ އެންމެ މުހިއްމު އެއްކަމަކީ ބޮޑެތި ކުންފުނިތަކަށް ލަންކާ އަދިވެސް އިތުރަށް ހުޅުވާލުން ކަމަށް ފިނޭންސް މިނިސްޓަރު ވިދާޅުވިއެވެ. ބޮޑެތި ކުންފުނިތަކުގެ އިންވެސްޓްމަންޓާއިއެކު ލަންކާ އަށް ދިމާވެފައިވާ ދަތިތަކުން އަރައިގަނެވޭނެ ކަމަށް ބާސިލް ވިދާޅުވިއެވެ.

ދައުލަތުގެ ހަރަދުތައް ބޮޑުވުމުން އިގްތިސޯދީ މައްސަލަތައް ދިމާވެފައި އޮތް ލަންކާ އަށް ބޮޑު މައްސަލައަކަށް ދިމާވީ 2019 ވަނަ އަހަރު ދިން ނިރުބަވެރި ހަމަލާތަކެވެ. އޭގެ ފަހުން އިގްތިސޯދު އަލުން ކޮޅަށް ޖެހުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ކޮވިޑް ކުރިމަތިވެ މިހާރު ވަނީ ރިހޭ ފައި މައްޗަށް ފޮއި ވެއްޓިފައެވެ.

ކިޔުންތެރިންގެ ހިޔާލު