އަފްޣާނިސްތާނުގެ ވެރިރަށް ކާބުލްގައި ބާރުގަދަ ގޮވުމެއް ގޮވައި އެކަކު މަރުވެ، ހަތަރު މީހަކު ޒަހަމްވެއްޖެއެވެ.

ކާރެއްގައި ބޮމެއް ގޮއްވާލައިގެން ދިން މިހާދިސާ ހިނގާފައިވަނީ ކާބުލްގެ އަވަށެއް ކަމަށްވާ ދާޝްތުއީ ބަރްޗީގައެވެ. މި ބާރުގަދަ ގޮވުން ގޮވާފައިވަނީ، ގިނަ އަދަދެއްގެ ޝިއާ އަދި ހަޒާރާ ދަރިކޮޅުގެ މީހުންގެ އަޣުލަބިއްޔަތު އޮންނަ އަވަށެއް ކަމަށްވާ ދާޝްތުއީ ބަރްޗީގައި، އައިއެސްއައިއެލްއާ ގުޅުން އޮންނަ ހަނގުރާމަވެރިންގެ ހަމަލާތައް އަމާޒުވާތާ އަހަރުތަކެއް ވެފައި ވަނިކޮށެވެ.

ހޮސްޕިޓަލުގެ އޮފިޝަލަކާއި ވާހަކަ ދައްކަމުން އުޅަނދުގެ ޑްރައިވަރު ބުނީ އޭނާ ބަސް ދުއްވަމުން ދަނިކޮށް، ހަނގުރާމަވެރިއެއް ކަމަށް ޝައްކު ކުރެވޭ މީހަކު ބަހަށް އަރާފައިވާ ކަމަށެވެ. އަދި އެއްޗެއް ގޮވާފައިވަނީ އޭގެ ދެތިން މިނެޓް ފަހުންކަން އޭނާ ފާހަގަކުރިއެެވެ.

"އަހަރެން ކާރުގައި ދަނިކޮށް އަހަރެމެންގެ ކުރިމަތީގައި އޮތް އުޅަނދުގައި އެއްޗެއް ގޮވީ. އެ ބަސް އޮތީ އަނދާ ހުލިވެެފައި" މަންޒަރު ދުށް މީހަކު އޭއެފްޕީ ނޫސް އެޖެންސީއަށް މައުލޫމާތު ދެމުން ބުނެފައިވެއެވެ.

އޭގެ އިތުރުން އޭނާ ބުނީ ބޮން ގޮއްވާލާފައިވަނީ ތާލިބާނުން ހަރަކާތްތެރިވާ ޗެކްޕޮއިންޓެއްގެ ކައިރީގައި ކަމަށާއި، އޭގެ އިރުކޮޅެއް ފަހުން ބަޑީގެ ހަމަލާތަކުގެ އަޑު އިވުނު ކަމަށެވެ.

މި ކަމުގެ ޒިންމާ އެއްވެސް ޖަމާއަތަކުން އުފުލާފައެއް ނުވެއެވެ.

މި ހަމަލާ ދީފައިވަނީ ނަންގަހާރުގެ މިސްކިތެއްގައި ބޮމެއް ގޮއްވާލައި ތިން މީހުން މަރާލައި 15 މީހުން ޒަހަމްކޮށްލިތާ އެއް ދުވަސް ފަހުންނެވެ.

މި ހާދިސާގެ އިތުރު ތަހުގީގު ކުރިއަށް ދާ ކަމަށާއި އިތުރު ފިޔަވަޅުތައް އަޅާނެ ކަމަށް ތާލިބާން ޖަމާއަތުން ބުނެއެވެ.