އީރާނުގެ ދެކުނުގެ ބަންދަރު އައްބާސް ބަނދަރު ކައިރިއަށް އިއްޔެ އައި ބާރުގަދަ ދެ ބިންހެލުމުގައި އެކަކު މަރުވެއްޖެއެވެ.

އެގައުމުގެ ދައުލަތުގެ ޓީވީން ބުނީ، އެ ސަރަހައްދަށް އައި ދެ ބިންހެލުމާއެކު ރައްޔިތުން ގެދޮރު ދޫކޮށް ފިލަން މަސައްކަތް ކުރަނިކޮށް، އެކަކު މަރުވުވެފައިވާ ކަމަށެވެ.

6.3 އާއި 6.4 މެގްނިޓިއުޑްގެ ބާރުމިނުގައި އައި މި ބިންހެލުމުގެ އަސަރު ހޮރްމޮޒްގަން ޕްރޮވިންސަށްވެސް ކޮށްފައި ވެއެވެ.

މި ބިންހެލުމުގައި މީހަކު މަރުވެފައި ވަނީ ކަރަންޓް ޕޯލްއެއް އޭނާގެ ގައިމައްޗަށް ވެއްޓިގެންނެވެ.

އީރާނަށް ފާއިތުވެދިޔަ އަހަރުތަކުގައި ބިންހެލުންތަކެއް އައިސް ގެެއްލުންތަކެއްވެފައި ވެއެވެ.

އެ ގައުމުގެ ދައުލަތުގެ ޓީވީން ބުނީ، ދެކުނު އީރާންގެ ސަރަހައްދުތަކަށް މި ބިންހެލުމުގެ އަަސަރު ވަރަށް ބޮޑަށް ކޮށްފައިވާ ކަަމަށާއި، ރެސްކިއު ޓީމް އެ ސަރަަހައްދަށް ފޮނުވި ކަމަށެވެ.

ދައުލަތުގެ ޓީވީން ވަނީ ބައެއް މީހުން ގެދޮރު ދޫކޮށް ބިރުން ފިލަންދާ މަންޒަރު ދައްކާފައެވެ. އެހެން ނަމަވެސް މި ހާދިސާގައި އެއްވެސް ގެއަކަށް ބޮޑު ގެއްލުމެއް ވެފައި ނުވާ ކަމަށް ބުނެފައި ވެއެވެ.

މި ބިންހެލުމުގެ އަސަރު ދުބާއީގެ ބައެއް ހިސާބުތަކަށްވެސް ކޮށްފައިވާ ކަމަށް ވެއެވެ.