އަފްޣާނިސްތާނާއެކު އަލުން ގުޅުން ބަދަހިކުރުމަށް ޗައިނާއިން އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އާއި ވޯލްޑް ބޭންކް (ޑަބްލިއުބީ) އަށް ގޮވާލައިފިއެވެ.

ޗައިނާއިން އދއަށް ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ޒަންގް ޖުން ވިދާޅުވީ "އަފްޣާނިސްތާނަށް ފަންޑު އަލުން ފެށުމާމެދު އައިއެމްއެފް އާއި ވޯލްޑް ބޭންކުން ވިސްނަން އަޅުގަނޑުމެން ނަސޭހަތްތެރިވަން" ކަމަށެވެ.

ބުދަ ދުވަހު އދގެ ސަލާމަތީ މަޖިލީހުގައި ތަގުރީރު ކުރައްވަމުން ޑިޕްލޮމޭޓް ވަނީ ސަރަހައްދީ ގައުމުތަކާއެކު އިގްތިސާދީ ކުރިއެރުންތައް ހޯދަން މަސައްކަތްކޮށް، ދެމެހެއްޓެނިވި ތަރައްގީއަށް މަގު ހޯދުމަށް އެހީތެރިވުމަށް ގޮވާލައިފައިވެއެވެ.

ރަޝިއާގެ ޓާސް ނޫސް އޭޖެންސީން އޭނާ އާ ހަވާލާދީ ބުނެފައި ވަނީ ކުރިއަށް އޮތް ފިނި މޫސުމާ ގުޅިގެން ބަނޑުހައިހޫނުކަމުގެ ނުރައްކާ އިތުރުވެދާނެ ކަމަށް ލަފާކޮށް، އިންސާނީ ކާރިސާއެއް ހުއްޓުވުމަށް އަވަސް ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމަށެވެ.

ވޯލްޑް ފުޑް ޕްރޮގްރާމް (ޑަބްލިއު.އެފް.ޕީ) އިން މީގެ ދެދުވަސް ކުރިން ބުނީ، ޒަރޫރީ ބޭނުންތައް ނުފުދި، ހާލުގައި ކުރަމުންދާ އަފްޣާނިސްތާނުގެ ރައްޔިތުންގެ އަދަދު 8.7 މިލިއަނަށް އަރާފައިވާ ކަމަށެވެ. އަދި ޖުމްލަގޮތެއްގައި އަފްޣާނިސްތާނުގެ ގާތްގަނޑަކަށް 24 މިލިއަން މީހުން ނުވަތަ އާބާދީގެ 60 އިންސައްތަ މީހުންނަކީ ބަނޑުހައިހޫނުކަން ތަހައްމަލު ކުރަމުންދާ މީހުން ކަމަށް ބުނެފައިވެއެވެ.

މިއަހަރު ނިމޭއިރު 5 އަހަރުން ދަށުގެ 3.2 މިލިއަން ކުދިންނަށް މެލްނިއުޓްރިޝަން ޖެހިދާނެ ކަމަށް ޑަބްލިއުއެފްޕީ އިން ލަފާކޮށްފައިވެއެވެ.

މިދިޔަ އޮގަސްޓް މަހު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމާއި ހަވާލުވުމާއި ގުޅިގެން އެގައުމަށް ދެމުންގެންދިޔަ ބޭރުގެ އެހީތައް ވަނީ ސަސްޕެންޑް ކޮށްފައެވެ. މީގެ އިތުރު އެގައުމުގެ ގިނަ އަދަދެއްގެ މުދަލާއި ފައިސާ ހިފަހައްޓާފައިވެއެވެ. މިކަމުގެ ސަބަބުން އަފްޣާނިސްތާނަށް ބޮޑު އިންސާނީ ކާރިސާއަކާއި ކުރިމަތިލާންޖެހި، ގައުމުގެ އިގްތިސާދީ ހާލަތު ވަނީ ނާޒުކު ފައްތަރަކަށް ވެއްޓިފައެވެ.