އެމެރިކާގެ ޖައްވީ އިދާރާ ނާސާ އާއި އެ ގައުމުގެ އެންމެ އިސް ފެޑެރަލް ނިއުކްލިއާ ރިސާޗް ލެބް ގުޅިގެން ހުކުރު ދުވަހު ވަނީ ފިޝަން ސާފޭސް ޕަވާ ސިސްޓަމެއް ހަދަން ޕްރޮޕޯސަލް ހުށަހެޅުމަށް ފުރުސަތު ހުޅުވާލައިފައެވެ.

ނާސާއިން ދަނީ އެމެރިކާގެ ޑިޕާޓްމަންޓް އޮފް އެނާޖީގެ އައިޑަހޯ ނެޝަނަލް ލެބޯޓްރީއާ ގުޅިގެން، މި ދިހަ އަހަރު ނިމުމުގެ ކުރިން ހަނދުގެ މިޝަންތަކަށް ބޭނުންވާ ހަކަތަ ހޯދުމަށް އިރުގެ ހަކަތައިން ހަކަތަ އުފައްދާ ވަސީލަތެއް ގާއިމް ކުރުމުގެ މަސައްކަތް ކުރަމުންނެވެ.

"ހަނދުގައި އިތުބާރު ކުރެވޭ، ހައި ޕަވަރ ސިސްޓަމެއް ފޯރުކޮށްދިނުމަކީ އިންސާނުންގެ ސްޕޭސް އެކްސްޕްލޮރޭޝަންގައި ދެން އެޅޭ ވަރަށް މުހިންމު ފިޔަވަޅެއް، އަދި އެކަން ހާސިލް ކުރުމަކީ އަހަރެމެންގެ އަތުގެ ތެރޭގައިވާ ކަމެއް،" ލެބްގައި އިސްކޮށް މަސައްކަތް ކުރާ ފިޝަން ސާފޭސް ޕަވާ ޕްރޮޖެކްޓް، ސެބަސްޓިއަން ކޮރްބިސިއޭރޯ ނެރުއްވި ބަޔާނެއްގައި ވިދާޅުވިއެވެ.

ހަނދުގައި ދެމެހެއްޓެނިވި ގޮތެއްގައި އިންސާނުން ތިބުމަށް އެއްބާރުލުން ދިނުމުގައި ކާމިޔާބު ވެއްޖެ ނަމަ ދެން އޮތް މަގްސަދަކަށް ވާނީ މާސްއެވެ. ނާސާއިން ބުނާ ގޮތުގައި ހަނދުގައި ނުވަތަ މާސްގައި ތިމާވެށީގެ ހާލަތު ކޮންމެ ގޮތަކަށް އޮތް ނަމަވެސް، ފިޝަން ސާފޭސް ޕަވަރ އަކީ ދެމެހެއްޓެނިވި، ގިނަ އަދަދަކަށް ބާރު ފޯރުކޮށްދެވިދާނެ އެއްޗެކެވެ.

ހަނދުގައި ބަހައްޓާ މިފަދަ ރިއެކްޓަރުތައް ހަދާނީ ދުނިޔޭގެ ބިމުގައެވެ. އަދި ރިއެކްޓަރުތައް ނިމި ޓެސްޓުކުރުމަށްފަހު އޭގެ ފަހުން ދެން ފޮނުވާނީ ހަނދަށެވެ. މި މިޝަން ކާމިޔާބުވެއްޖެނަމަ އިންސާނުން އެތައް އަހަރެއް ވަންދެން ދެކެމުން އައި ހުވަފެން ހަގީގަތަކަށް ވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު