ސްރީލަންކާގައި އިއްޔެ ނިމުނު މަހިންދަ ރާޖަޕަކްސް ފޯ ނޭޝަންސް ކަޕް ފުޓުބޯޅަ މުބާރާތް ބޭއްވި ސްޓޭޑިއަމްގައި ހުރި އިމާރާތެއްގައި އަލިފާން ރޯވެއްޖެއެވެ.

ލަންކާގެ މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި ރޭސްކޯސް ސްޓޭޑިއަމްގެ ގްރައުންޑް ފްލޯގައި ހިންގާ ރެސްޓޯރަންޓެއްގައި އަލިފާން ރޯވީ ގޭސް ލީކްވެގެން ކަމަށެވެ. އަލިފާނުގެ އެ ހާދިސާ ހިނގާފައި ވަނީ ބާރުގަދަ އަޑު ފަށްގަނޑަކާ ވެސް އެކުގައި ކަމަށް ރިޕޯޓުތައް ބުނެއެވެ.

ލަންކާ ފުލުހުން ބުނީ އަލިފާނުގެ އެ ހާދިސާއާ ގުޅިގެން އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށެވެ.

މި ހާދިސާގެ ތަހުގީގު ލަންކާ ފުލުހުން ވަނީ ފަށައިފައެވެ.

ހިންދަ ރާޖަޕަކްސް ފޯ ނޭޝަންސް ކަޕް ފުޓުބޯޅަ މުބާރާތް ރޭ ނިމުނު އިރު، މި މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ސީޝެލްސްއިންނެވެ. އެއީ ސްރީލަންކާ އާ ބައްދަލުކޮށް ޕެނަލްޓީ ޖަހައިގެން މޮޅުވެގެންނެވެ. ސީޝެލްސް އާއި ލަންކާގެ އިތުރުން މި މުބާރާތުގައި ރާއްޖެ އާއި ބަންގްލަދޭޝް ބައްދަލު ކުރިއެވެ.