އެމެރިކާގެ ގާނޫނުއަސާސީގެ ފުރަތަމަ ކޮޕީތަކުގެ ތެރެއިން ކޮޕީއެއް 43.2 މިލިއަން ޑޮލަރަށް ވިކިއްޖެއެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ނީލަމެއްގައި ކްރިޕްޓޮކަރަންސީގެ ވިޔަފާރި ކުރާ ބަޔަކާ ވާދަކޮށް މި ކޮޕީތައް ގަނެފައިވަނީ ހެޖްފަންޑެއް ކަމުގައިވާ ސިޓަޑޭލްގެ މުއައްސިސު ކެން ގްރިފިންއެވެ.

ގްރިފިން ބުނާ ގޮތުގައި އޭނާ ގާނޫނު އަސާސީ ބަހައްޓަން ރާވާފައި ވަނީ ކްރިސްޓަލް ބްރިޖްސް މިއުޒިއަމް އޮފް އެމެރިކަން އާޓް ގެ ޕަބްލިކް ޑިސްޕްލޭގައި ކަމަށެވެ. އަދި އެމެރިކާގެ ގާނޫނު އަސާސީއަކީ އެމެރިކާގެ ކޮންމެ މީހަކަށް ވެސް އަދި އެގައުމުގެ ރަށްވެއްސަކަށް ވުމަށް އެދޭ ކޮންމެ މީހެއްގެ އަސާސީ ޙައްޤުތައް ބަޔާންކޮށް ރައްކާތެރިކޮށްދޭ ލިޔުމެއް ކަމަށެވެ.

ގާނޫނު އަސާސީގެ ފުރަތަމަ ޗާޕުކުރުންތަކުގެ ތެރެއިން ވުޖޫދުގައި އޮތްކަން އެނގެނީ 13 ޗާޕެވެ. މިތަނުން އެއް ކޮޕީ ބުރާސްފަތި ދުވަހު ވިއްކާލައިފައިވަނީ ސޮޓެބީސްގެ އެންމެ ބޮޑު އަންދާޒާ ރޭންޖު 20 މިލިއަން ޑޮލަރަށް ވުރެ ވެސް ބޮޑު އަގަކަށެވެ. އެ ޗާޕު 43.2 މިލިއަން ޑޮލަަރަށް ވިކިފައިވާއިރު، ސޮޓެބީސްއިން ބުނެފައިވަނީ މިއީ ނީލަމެއްގައި އެންމެ އަގުބޮޑުކޮށް ފޮތެއް ނުވަތަ ލިޔުމެއް ވިއްކައިލެވުނު އަގު ކަމަށެވެ.

ގްރިފިން ވަނީ މީގެ ކުރިން ވެސް ނީލަންތަކުން ތަކެތި ގަނެ ރިކޯޑު ހަދާފައެވެ. އެގޮތުން، ގްރިފިން ވަނީ، 2019 ވަނަ އަހަރު އެމެރިކާގެ މެންހެޓަންގެ އެޕާޓްމެންޓެއް 238 މިލިއަން ޑޮލަރަށް ގަނެފައެވެ. އެއީ އެ އަހަރުގެ ނިޔަލަށް އެމެރިކާގައި ވިކުނު އެންމެ އަގުބޮޑު ގެއެވެ.

މީގެ އިތުރުން އަގު ބޮޑުކޮށް ކުރެހުންތައް ވެސް ގްރިފިން ގަނެ ރިކޯޑު ހަދާފައިވާކަން ފާހަގަ ކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު