އިންޑިއާގައި އަލަށް އުފަންވާ ތުއްތު ކުދިން ވިއްކި މައްސަލައިގައި 10 މީހަކު އެގައުމުން ހައްޔަރު ކޮށްފިއެވެ.

އިންޑިއާގެ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި އުތުރު ބެންގަލްގައި ހުންނަ އެޑޮޕްޓޭޝަން ސެންޓަރަކުން ކުދިން ވިއްކި މައްސަލައިގައި ހައްޔަރު ކުރި މީހުންގެ ތެރޭގައި ސަރުކާރުގެ ބައެއް އޮފިޝަލުން ވެސް ހިމެނޭ ކަމަށެވެ.

ހައުރާ ސިޓީގެ ފުލުހުންގެ ކޮމިޝަނަރ ސީ ސުދާކަރު ބުނެފައިވަނީ ކްރެޑެލް ބޭބީ ސެންޓަރުގައި އެފަދަ ވިޔަފާރިއެއް ހިންގަމުން އަންނަ ކަމުގެ މައުލޫމާތު ލިބިގެން ތަން ފާސްކޮށް 10 މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ. އޭގެ ތެރޭގައި އަންހެނަކު ވެސް ހިމެނޭ ކަމަށް އޭނާ ވަނީ ބުނެފައެވެ.

އޭނާ ބުނީ، އެފަދަ ވިޔަފާރިއެއް އެތަނުގައި ހިންގަމުން އަންނަތާ ފަސް ވަރަކަށް އަހަރު ވެފައިވާ ކަމަށެވެ.

އެތަން ފާސް ކުރުމަށްފަހު ގިނަ އަދަދެއްގެ ކުދިން ރައްކާތެރި މާހައުލަކަށް ބަދަލު ކޮށްފައިވާ ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.

"އަޅުގަނޑުމެންނަށް ވަރަށް ގިނަ ޝަކުވާ ވަނީ ލިބިފައި އެތަނާއި ގުޅޭ ގޮތުން. އެގޮތުން ތުއްތު ކުދިން ވިއްކާ މައްސަލަ އާއި ބޮޑެތި މީހުންނަށް ގަނާ ކުރުން ވެސް ހިމެނޭ" އޭނާ ބުނެފައިވެއެވެ.

މި މައްސަލައާއި ގުޅިގެން ހައްޔަރު ކޮށްފައިވާ މީހުންނަށް ގާނޫނުގެ ތެރެއިން ހައްގު އަދަބު ދޭނެ ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ. އަދި ކުރިއަށް އޮތްތަނުގައި ވެސް އެފަދަ ވިޔަފާރި ކުރާ ފަރާތްތަކުން ދެނެގަނެ ހަރުކަށި އަދަބު ދޭނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު