ލޯ ރީތި އަފްޣާން އަންހެން ކުއްޖާގެ ނަމުގައި މުޅި ދުނިޔެ އަށް މަޝްހޫރު ވެގެން ދިޔަ މިހާރު އުމުރުން 50 އަހަރު ވާން ކައިރިވެފައިވާ އަފްޣާނިސްތާންގެ ޝަރުބަތު ބިބީއަށް އިޓަލީވިލާތުން ރެފިއުޖީއެއްގެ ދަރަޖަ ދީފިއެވެ.

ޝަރުބަތުގެ ފޮޓޯ 1984 ވަނަ އަހަރު ނެގީ ނޭޝަނަލް ޖިއޮގްރަފިކްގެ ފޮޓޯގްރާފަރު ސްޓީވް މެކަރީއެވެ. 40 އަހަރު ވެގެން ދިޔައިރު ވެސް އެފޮޓޯއެއްގެ މަތިން ދުނިޔެ ހަނދާނެއް ނުނެތެއެވެ. ފޮޓޯ އިން ފެންނަނީ އޭރު ފުރާވަރު އަހަރުގެ އަންހެން ކުއްޖެއް ކަމަށްވާ ޝަރުބަތުއެވެ. އޭނާ ދުނިޔެއަށް މަޝްހޫރު ވެގެން ދިޔައީ "އަފްޣާން އަންހެން ކުއްޖާގެ" ނަމުންނެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ޝަރުބަތު އާއި އޭނާގެ އާއިލާ އަށް އިޓަލީވިލާތުން ރެފިއުޖީންގެ ދަރަޖަ ދިނުމުން އެއާއިލާ މިހާރު ވަނީ އިޓަލީވިލާތުގެ ވެރިރަށް ރޯމަށް ގޮސްފައެވެ.

ޝަރުބަތު އަފްޣާނިސްތާނުން ބޭރުވާން މަދަނީ ޖަމިއްޔާތަކުގެ އެހީއަށް އެދުނީ އޮގަސްޓް މަހު ޠާލިބާނުން އަނެއްކާވެސް އަފްޣާނިސްތާންގެ ވެރިކަން ހޯދުމުން ގައުމުގެ ހާލަތު ގޯސްވަމުން ދާތީއެވެ. ޝަރުބަތައް ރެފިއުޖީއެއްގެ ދަރަޖަ ހޯދައިދޭން މަސައްކަތް ކުރީ މަދަނީ ޖަމިއްޔާތަކުންނެވެ. އެކަމުގެ ހުށަހެޅުންތައް އިޓަލީވިލާތައް ހުށަހެޅުމުން އިޓަލީވިލާތުން ވަނީ އެހުށަހެޅުންތައް ބަލައިގެންފައެވެ.

1985 ވަނަ އަހަރު ނޭޝަނަލް ޖިއޮގްރަފިކް އިން ނެރުނު އަހަރީ މަޖައްލާގެ ބޭރުގަނޑުގައި ޖަހާފައި ވަނީ ޝަރުބަތުގެ ފޮޓޯއެކެވެ. ފޮޓޯނެގިއިރު ޝަރުބަތު އިނީ ޕާކިސްތާންގެ ރެފިއުޖީ ކޭމްޕެއްގައެވެ.

ޝަރުބަތު އުމުރުން 16 ވަރަކަށް އަހަރުގައި ކައިވެނި ކުރިއެވެ. އޭނާ އަށް ހަތަރު ކުދިން ލިބުނެވެ. އޭގެތެރެއިން އެއްކުއްޖަކު ވަނީ މަރުވެފައެވެ. އޭނާގެ ފިރިމީހާ ވެސް ވަނީ 2012 ވަނަ އަހަރު ހެޕަޓައިޓިސް ސީ ޖެހިގެން މަރުވެފައެވެ.

ޝަރުބަތު އޭނާގެ އުމުރުގެ ގިނަ ދުވަސްތައް ހޭދަކުރީ ރެފިއުޖީ ކޭމްޕްތަކުގައެވެ. ނަމަވެސް އަފްޣާނިސްތާންގެ ކުރީގެ ރައީސް ހާމިރު ކަރުޒާއީގެ އިސްނެންގެވުމާއިއެކު 2017 ވަނަ އަހަރު ގެއެއް ލިބިފައެވެ. އޭނާ އަށް ގެއެއް ލިބުނީ ވެރިރަށް ކާބުލް އިންނެވެ.

އެމެރިކާ އިން އަފްޣާނިސްތާންގައި ހޭދަކުރަމުން ގެންދިޔަ ދުވަސްތަކުގައި ޝަރުބަތު ދިން އެކިއިންޓަވިއުތަކުގައި އޭނާ ވަނީ ޠާލިބާނުން އަފްޣާނިސްތާންގައި ވެރިކަން ކުރި ދުވަސްވަރު ކަންކަން މާރަނގަޅު ކަމަށް ބުނެފައެވެ. ހާއްސަކޮށް އެކި ތަންތަނުގައި ބޮމުގެ ހަމަލާތައް ދިނުން ފަދަ ކަންކަން އެެދުވަސްވަރު ނުހިނގާކަން އޭނާ ފާހަގަ ކުރިއެވެ.