ދުނިޔޭގެ ގިނަ ގައުމުތަކުން ފެންނަމުން އަންނަ ކޮވިޑް-19ގެ އާވައްތަރެއް ކަމަށްވާ "އޮމިކްރޮން" ގެ ބިރު އޮތުމާއި ގުޅިގެން މޮރޮކޯއިން އެގައުމުގެ ބޯޑަރު ބަންދު ކޮށްފިއެވެ.

މޮރޮކޯ ސަރުކާރުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އޮމިކްރޮން ވޭރިއަންޓާ މެދު ކަންބޮޑުވުންތަކެއް ހުރުމުން، މޮރޮކޯއިން މިމަހުގެ 29 ވަނަ ދުވަހުން (މާދަމާއިން) ފެށިގެން ދެ ހަފްތާއަށް ބައިނަލްއަގުވާމީ ހުރިހާ ފަސިންޖަރުން އުފުލާ ފްލައިޓްތައް ސަސްޕެންޑް ކުރާނެ ކަމަށެވެ.

މިއީ ކޮވިޑް-19 ގެ އާ ވޭރިއެންޓާއި ގުޅިގެން ގައުމުގެ ބޯޑަރު ބަންދުކުރި ދެވަނަ ގައުމެވެ. ކޮވިޑް-19 ގެ އާ ވޭރިއަންޓް، އޮމިކްރޮން ދުނިޔޭގެ އެކިކަންކޮޅުތަކުގައި ހަލުވިކަމާއެކު ފެތުރެމުންދާތީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ބޭރު ގައުމެއްގެ އެއްވެސް މީހަކު އެތެރެވުން ދެން މަނާ ކޮށްފައިވަނީ އިސްރާއިލުގައެވެ.

އިސްރާއީލްގެ ބޮޑުވަޒީރު ނަފްޓާލީ ބެނެޓް ވިދާޅުވީ ބޭރު ގައުމުތަކުގެ މީހުން އެ ގައުމަށް އެތެރެވުން މަނާ ކުރީ 14 ދުވަސް ވަންދެން ކަމަށެވެ.

ދެކުނު އެފްރިކާއިން ފެނުން އޮމިކްރޮން ނުވަތަ ބީ.529.1.1 ވޭރިއެންޓުގެ ނުރައްކާތެރި ކަމާއިމެދު ދުނިޔޭގެ ސިއްހަތު ޖަމުއްޔާ (ޑަބްލިއުއެޗްއޯ) އިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ޑަބްލިއުއެޗްއޯ އިން ކަންބޮޑުވާ ވޭރިއެންޓުތަކުގެ ލިސްޓުގައި މިހާރު ހިމެނެނީ 5 ވޭރިއެންޓެކެވެ. އެއީ އޮމިކްރޮން، އަލްފާ، ބޭޓާ، ގަމާ އަދި ޑެލްޓާ އެވެ. އޭގެ ތެރެއިން އެންމެ ބޮޑަށް ފެތުރިފައި ވަނީ ޑެލްޓާ ވޭރިއެންޓެވެ.

އޮމިކްރޮން ވޭރިއަންޓް ދެކުނު އެފްރިކާގެ ބައެއް ގައުމުތަކުންނާއި ޔޫރަޕާއި އޭޝިއާގެ ބައެއް ގައުމުތަކުން ވަނީ ފެނިފައެވެ. އެގޮތުން، ފާހަގަކޮށްލެވޭ ބައެއް ގައުމުތަކުގެ ތެރޭގައި އިޓަލީ، ބެލްޖިއަމް، ޖަރުމަން، އިނގިރޭސި ވިލާތް، ހޮންކޮންގް، ޑެންމާކް އަދި އިސްރާއީލް ހިމެނެއެވެ.