ދެކުނު އެފްރިކާއިން އެންމެ ފުރަތަމަ ފެނުނު ކޮވިޑް-19 ގެ އާވައްތަރު ކަމަށްވާ "އޮމިކްރޮން" ޑެންމާކުން ވެސް ފެނިއްޖެ ކަމަށް އެގައުމުން ބުނެފިއެވެ.

ޑެންމާކުގެ އިންފެކްޝަސް ޑިޒީޒް އޮތޯރިޓީން ބުނެފައިވަނީ "އޮމިކްރޮން" ވައްތަރަށް އެގައުމުން ދެ މީހަކު ފައްސިވެފައިވާ ކަމަށާއި އެދެމީހުންނަކީ ވެސް ދެކުނު އެފްރިކާއިން އެގައުމަށް ދަތުރު ކުރި ދެމީހުން ކަމަށެވެ.

"އެފަދަ ވޭދަނައެއް ފެންނާނެ ކަމަށް ބެލެވުނު. މިހާރު ކުރަމުން އަންނަނީ ގާތުން ކަންކަން މޮނިޓަރު ކުރުން" އެގައުމުގެ ސްޓަޓެންސް ސީރަމް އިންސްޓިޓިއުޓްގެ ސީއީއޯ ހެންރިކް އުލަން ބުނެފައިވެއެވެ.

އެގައުމުން ބުނެފައިވަނީ "އޮމިކްރޮން" އަށް ފައްސިވެފައިވާ ދެމީހުން މިވަގުތު ކަރަންޓީނު ކޮށްފައިވާ ކަމަށާއި އެމީހުންނާއި ގާތުން އެއްތާވި މީހުންގެ މައުލޫމާތު ހޯދަމުން އަންނަ ކަމަށެވެ.

ދުނިޔޭގެ ގިނަ ގައުމުތަކަށް "އޮމިކްރޮން" ވޭރިއެންޓްގެ ބިރު އޮތުމާއި ގުޅިގެން 24 އަށްވުރެ ގިނަ ގައުމަކުން ވަނީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ދެކުނު އެފްރިކާ ސަރަހައްދުން އެގައުމުތަކަށް އަންނަ މީހުން އައުން މަނާ ކޮށްފައެވެ.

ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން ބުނެފައިވަނީ "އޮމިކްރޮން" ވޭރިއެންޓަކީ ބިރުގަންނަން ޖެހޭ ވަރުގެ ވޭރިއެންޓެއް ކަމަށާއި އެވޭރިއެންޓުން ރައްކާތެރިވުމަށް ގައުމުތަކުން ފިޔަވަޅުތައް ވަރުގަދަ ކުރަން ޖެހޭ ކަމަށެވެ.

މިވޭރިއެންޓް ފެނުމާއި ގުޅިގެން ސައިންސްވެރިން އަންނަނީ ވޭރިއެންޓާއި ހަނގުރާމަ ކުރުމަށް ވެކްސިނެއް ތައްޔާރު ކުރުމުގެ މަސައްކަތް ފަށާފައެވެ.