އަންނަން އޮތް ޖީލުތަކުން ދުންފަތުގެ އިސްތިއުމާލް ކުރުން ހުއްޓުވުމުގެ މަގްސަދުގައި ނިއުޒިލެންޑުން ދުންފަތުގެ ވިޔަފާރިކުރުން މަނާކުރަން ނިންމައިފިއެވެ.

2008 ވަނަ އަހަރަށްފަހު އުފަންވެފައިވާ މީހުންނަށް ސިނގިރޭޓާއި ދުންފަތުގެ ބާވަތްތައް ނުގަނެވޭނެ ގޮތަށް އަންނަ އަހަރު ގާނޫނެއް ވުޖޫދަށް ގެނެވޭނެ ކަމަށް އެގައުމުގެ ސަރުކާރުން ގަބޫލުކުރެއެވެ. މިއީ ދުންފަތުގެ އިސްތިއުމާލު ކުރުމާ ދެކޮޅަށް ހަރުކަށި ފިޔަވަޅުތަކެއް އެޅުމުގެ ގޮތުން އެޅި ފިޔަވަޅެކެވެ.

"އަހަރެމެން ޔަގީން ކުރަން ބޭނުންވަނީ ޒުވާނުން ދުވަހަކު ވެސް ދުންފަތުގެ އިސްތިއުމާލު ކުރަން ނުފަށާކަން،" ހެލްތު މިނިސްޓަރު ޑރ އައިޝާ ވެރާލް ވިދާޅުވިއެވެ.

ގާނޫނަށް އަމަލުކުރަން ފަށާއިރު އުމުރުން 14 އަހަރުގެ ކުދިންނަށް ސިނގިރޭޓް ގަތުން މަނާވާނެއެވެ. އަދި އުމުރުން ދުވަސްވީ މީހުންނަށް ލިބެން ހުންނަ ސިނގިރޭޓުގައި ނިކޮޓީން ހުންނަ މިންވަރު ދަށްވާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.

އަދި ސިނގިރޭޓް ވިއްކުމުގެ ހުއްދަ ވިޔަފާރިވެރިންނަށް ދޭ އަދަދު ވެސް މަދުކުރާނެއެވެ. ސިނގިރޭޓް ވިއްކުމުގެ ހުއްދަ ދީފައިވާ ފިހާރަތަކުގެ އަދަދު 8،000 އިން 500 އަށް ވުރެ ދަށްވާނެ ކަމަށް އޮފިޝަލުން ބުނެއެވެ.

ފަސް މިލިއަން މީހުންގެ އާބާދީ އޮންނަ އެގައުމުގައި މިހާރުވެސް ސިނގިރޭޓުން ނަގާ ޓެކްސް ބޮޑެވެ. ޓެކްސް ބޮޑުކުރުމުގެ ފުރިހަމަ އަސަރު މިހާރުވެސް އެގައުމުން ފެންނަމުންދާ ކަމަށް ހެލްްތް މިނިސްޓަރު ވިދާޅުވިއެވެ.

އެގައުމުގެ ޑޮކްޓަރުންނާއި ސިއްހީ ދާއިރާގެ އެހެން ތަޖުރިބާކާރުން ވަނީ އެގައުުމުގައި ގެންނަން ނިންމާފައިވާ މި އިސްލާހުތަކަށް މަރުހަބާ ކިޔާފައެވެ. މި އިސްލާހުތަކުގެ ސަބަބުން ދުންފަތް ލިބޭ މިންވަރު މަދުވެ، ސިނގިރޭޓުގައި ނިކޮޓީންގެ މިންވަރު ހިފެހެއްޓޭނެއެވެ.

ޔުނިވާސިޓީ އޮފް އޮޓާގޯގެ ޕްރޮފެސަރު ޖެނެޓް ހޯކް ވިދާޅުވާ ގޮތުގައި ޒުވާން ކުދިން ނިކޮޓީންއަށް ދެވިހިފުވުމުގެ ފުރުސަތު ވަރަށް ބޮޑަށް ކުޑަވާނެ ކަމަށެވެ.

މި ފިޔަވަޅުތަކުގެ ސަބަބުން ބޫޓާންގެ އިތުރުން ދުންފަތުގެ ގާނޫނުތައް ދުނިޔޭގެ އެންމެ ހަރުކަށި ގައުމެއްގެ ގޮތުގައި ނިއުޒިލެންޑް ފާހަގަ ކޮށްލެވޭނެއެވެ. ބޫޓާންގައި ވަނީ ސިނގިރޭޓް ވިއްކުން މުޅިން މަނާކޮށްފައެވެ.