ލަންކާގެ ކަސްޓަމުން ހިފަހައްޓާފައިވާ ގިނަ އަދަދެއްގެ ސިނގިރޭޓް އެގައުމުން ނައްތާލައިފިއެވެ.

ލަންކާގެ ކަސްޓަމުން ބުނީ، ނައްތާލާފައިވަނީ ގަވައިދާ ހިލާފަށް އެގައުމަށް އެތެރެ ކޮށްފައިވާ ސިނގިރޭޓް ކަމަށާއި އެތަކެއް ނައްތާލާފައިވަނީ ކެރަވަލަޕިޓިޔާގައި ކަމަށެވެ.

ސްޓޭޓް މިނިސްޓަރ އޮފް ފިނޭންސް، ރަންޖިތް ސިޔަމްބަލަޕިޓިޔާ ބުނެފައިވަނީ ނައްތާލާފައިވާ ސިނގިރޭޓްގެ އަގަކީ 15 ބިލިއަން ރުޕީސް (183,157,950 އެމެރިކާ ޑޮލަރު) ކަމަށެވެ.

އޭނާ ބުނެފައިވަނީ ނައްތާލާފައިވާ ސިނގިރޭޓްގައި 200 މިލިއަން ސިނގިރޭޓް ހުންނާނެ ކަމަށާއި އެތަކެއްޗަކީ 2021 ވަނަ އަހަރުން ފެށިގެން މިއަދާއި ހަމައަށް ހިފަހައްޓާފައިވާ ތަކެތި ކަމަށެވެ.

އޭނާ ވަނީ އެކަމުގެ އިތުރުން ލަންކާގެ ކަސްޓަމުން ސަރުކާރަށް 13 މިލިއަން ރުޕީސް ސަލާމަތް ކުރުމުގައި ވެފައިވާ އެހީތެރިކަމަށް ވެސް ކަސްޓަމްސްގެ ބޭފުޅުންނަށް ޝުކުރު އަދާ ކޮށްފައެވެ.

"އެތަކެތި އެއްވެސް ބަޔަކަށް ނުވިއްކޭނެ. އެއީ އެތަކެތި ހުރީ ވަރަށް ބޮޑަށް ހަލާކުވެފައި. އެހެންކަމުން އަޅުގަނޑުމެން ނިންމީ ނައްތާލަން" އޭނާ ބުންޏެވެ.

އެގައުމުން ގިނަ އަދަދެއްގެ ސިނގިރޭޓް ނައްތާލާފައިވާއިރު، އޭނާ ވަނީ އެތަކެތި އެގައުމަށް އެތެރެ ކުރަން އުޅުނު ތިން ކުންފުންޏެއް ވެސް ކޮންމެ ކުންފުންޏެއް 2.5 މިލިއަން ރުޕީސްއިން ޖޫރިމަނާ ކޮށްފައިވާކަން ވެސް ހާމަ ކޮށްފައެވެ.

ލަންކާއަށް އާންމުކޮށް ވަރަށް ގިނަ މީހުން އެނގިގެންނާއި ނޭނގުމުގައި ސިނގިރޭޓް އެތެރެ ކުރެއެވެ. ކަސްޓަމްސްގެ އޮފިސަރުންނަށް ވަގަށް އެތެރެ ކުރާ އެތަކެތި ފެނިއްޖެނަމަ، ބައެއް ހާލަތްތަކުގައި އެއާޕޯޓް ތެރެއިން ވެސް ފިޔަވަޅު އަޅައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ރެފްރީ

    ވަރަށްދެރަކަމެއް.. ގައުމުއޮތްހާލަތަށްބަލާއިރު ތިޔަސިނގިރޭޓް ހަލާކުކޮށްނުލާ ކޮންމެވެސްގޮތަކަށް ވިއްކާލިނަމަ އެއްގަޑިއިރަށްނަމަވެސް އިންޖީނުހިންގާލެވުނީސް !!

    8
    1