ދިވެހިންގެ ދިރިއުޅުމުގެ ވައްޓަފާޅީގައި ހުރި ނުރަގަނޅު އާދަތައް އިސްލާހުނުކޮށްފި ނަމަ މުސްތަގުބަލުގައި އެކަމުގެ ނުރައްކަލާ ކުރިމަތިލާން ޖެހިދާނެ ކަމުގެ އިންޒާރު އައިޖީއެމްއެޗްގެ އެތެރެހަށީގެ ހާއްސަ ޑރ. މުހައްމަދު އަލީ ދެއްވައިފިއެވެ.

ޑރ. މުހައްމަދު އަލީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެ ކަންކަން ރަނގަޅު ނުކޮށްފި ނަމަ ރާއްޖެ އަޑިއަށް ދިއުމުގެ ކުރިން ދިވެހިންގެ ތެރެއިން ދެބައިކުޅަ އެއްބައި މީހުންނަކީ ނުކުޅެދޭ ބަޔަކަށް ބަދަލުވެނެތިގެން ދިއުމުގެ ބިރުވެސް އެބަ އޮތް ކަމަށެވެ.

އޭނާ ވަނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އާއި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) ގެ އެހީގައި މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ)އިން ހެދި ދިރާސާގެ ބައެއް ތަފާސް ހިސާބުތައްވެސް އާންމު ކުރައްވައިފައެވެ.

އެގޮތުން ކޮންމެ ހަތަރު މީހެއްގެ ތެރެއިން އެކަކީ ދުންފަތުގެ އިސްތިއުމާލުކުރާ މީހެއް ކަމަށާއި، އުމުރުން އަށް އަހަރުގައި ދުންފަތުގެ އިސްތިއުމާލުކުރަން ފަށާ މީހުންވެސް ތިބި ކަމަށް އޭނާ ވިދާޅުވިއެވެ. ދިވެހިންގެ ކޮންމެ 20 މީހަކުން އެކަކީ ބަނގުރަލުގެ ބާވަތެއް ހަޔާތުގެ އެއް ފަހަރު ނަމަވެސް ބޭނުންކޮށްފައިވާ މީހެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ދިވެހިންގެ ތެރެއިން ކޮންމެ ދެމީހަކުން ކުރެ އެކަކީ މަދުން ތަރުކާރީ އާއި މޭވާ ކައި އުޅޭ މީހެެއް ކަމަށާއި، އަދި ކޮންމެ ތިން މީޙަކުން އެކަކީ ގިނައިން ލޮނު ކާބޯތަކެއްޗަށް އަޅައިގެން ބޭނުންކުރާ މީހެއް ކަމަށް އޭނާ ވިދާޅުވިއެވެ. އަދި 50 އިންސައްތަ މީހުންނަކީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ކަނޑައަޅާފައިވާ މިންވަރަށް ކަސްރަތު ނުކުރާ މީހުން ކަމަށާއި، 50 އިންސައްތަ މީހުންނަކީ ހުންނަން ޖެހޭ މިންވަރަށްވުރެ ބަރުދަން އިތުރު ބައެއް ކަމަށް ޑރ. މުހައްމަދު އަލީ ވަނީ ވިދާޅުވެފައެވެ.

ކޮންމެ ފަސް މީހަކުން އެކަކީ ނުރައްކާވެދާނެ މިންވަރަށް ބަރުދަން އިތުރު މީހުން ކަމަށާއި، ހަތަރު މީހަކުން އެކަކީ ބްލަޑް ޕްރެޝަރ މަތި ބައެއް ކަމަށްވެސް ޑރ. މުހައްމަދު އަލީ ވަނީ ވިދާޅުވެފައެވެ. އަދި އުމުރުން 18 އަހަރާއި 44 އަހަރާ ދެމެދުގެ މީޙުންގެ ކޮންމެ ތިން މީހަކުން އެކަކީ ކާޑިއޯވެސްކިއުލަރ ރިސްކް ފެކްޓަރުގައި ހިމެނޭ މީހުން ކަމަށް ވިދާޅުވިއެވެ.

އުމުރުން 45 އަހަރާއި 69 އަހަރާ ދެމެދުގެ 50 އިންސައްތައަކީ ސްޓްރޯކް ޖެހުމުގެ ފުރުސަތު އޮތް ބައެއްކަމަށްވެސް ޑރ. މުހައްމަދު އަލީ ވަނީ ވިދާޅުވެފައެވެ.

މި ދިރާސާ ކުރީ އުމުރުން 39 އާއި 15 އަހަރާއި ދެމެދުގެ 3،104 މީހުން ބައިވެރިކޮށްގެންނެވެ. އެ ދިރާސާ ގައިން ގަޔަށް ނާރާ ބަލިތަކާ ގުޅޭ ސުވާލުތައް ދީފައިވެއެވެ. އަދި ދިރާސާގައި ބައިވެރިވި މީހުންގެ އުނަގަނޑުގެ ވަށަމިނާއި ބަރުދަނާއި އިސްކޮޅު އަދި ލޭގެ ޕްރެޝަރު ބެލިއެވެ.

ލޭގައި ހަކުރު ހުންނަ ވަރާއި ލޭގައި ކޮލެސްޓްރޯލް ހުންނަ މިންވަރު އަދި ކުޑަކަމުދާ ތަކެތީގައި ސޯޑިއަމާއި ކްރެޓިނިން ހުންނަ ވަރު ވެސް ދިރާސާގައި ބަލާފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ހުސޭނުބޭ

    އެތެރެކުރާތީ ބޮވެނީ. ހުރިހައި ގޮތަކުން ގޯސް އެއްޗެއްކަން އެނގޭ. ދެން ކީއްވެޔޯ އެތެރެކުރަނީ

    10
    1
  2. އާދަނު

    ޑރ. މުހައްމަދު އަލީގެ ރިޕޯޓަކީ އެއްވެސް ތާކުންތާކު ޖެހޭ އެއްޗެއް ނޫން. އެއްވެސް ދިރާސާއެއް ކުރުމެއް ނެތި މަސްހޫރުވާން ލިޔެފަ އޮތް އެއްޗެއް.

    2
    4
    • ނޫސް

      ކީއް ކުރާނީ މީ ގައުމުގެ ހާލަތު. ކުރިން ނިއު ރޯމަން އެމްޕަޔާ ޒަމާނުގައި ޕޯޕް އަކީ ކަލާނގެ ކަމަށް ދުށް ޒަމާނުގައި އޮތް ފަދައިން ރާއްޖޭގައި ސެޓްފިކެޓް އޮތް ރޯނު އެދުރު ޑޮކްޓަރުންނަކީ ވެސް މިހާރު އިންފެލިއެބަލް ބަޔަކަށް ވެއްޖެ. ހިޖާމާ ފަޒީލާ ދައްކާ ވާހަކަ ގަބޫލުކުރަން މި މީހުން ދައްކާ ވާހަކައަށް ވުރެ،

  3. ޖައިލަމް

    ޢޫރާއި ރަލާ މިއެއްޗިހި އެތެރެކޮށް ވިއްކާ އޭގެން ނަފާ ހޯދަން ޚުއްދަ ދިނުމަކީ ކޮން ހަމަތަކުން ކޮން މިންގަނޑަކުން ޚުއްދަވާ ކަމެއްތޯ؟؟؟؟؟؟!!!!!!!!!!!

  4. ބަބޫ

    3000 މީހުންގެ މެދުގައި އެމްއެންޔޫހިން ހެދި ޓެސްޓެއްގެ ނަތީޖާއަށް ބިނާކޮށް ތިޔަކަހަލަ ކޮސް ގޮވުމަކީ ރާއްޖޭގެ މުސްތަގުބަލު ބަލިމަޑުކަމަކަށް ގޮސްދާނެކަމެއް.