ކޮވިޑް-19 ގެ އާ ވައްތަރު ކަމަށްވާ އޮމިކްރޮން ވޭރިއެންޓަށް ފައްސިވި އިންޑިއާގެ އެއް އަހަރުގެ ކުއްޖަކު އެ ބަލިން ރަނގަޅުވެއްޖެއެވެ.

ޕޫނޭގެ ޕިމްޕްރީ ޗިންޗްވަޑް ސަރަހައްދުގައި ދިރިއުޅެމުން އަންނަ އެ ތުއްތު އަންހެން ކުއްޖާ އޮމިކްރޮން ވޭރިއެންޓް ޖެހިފައިވާ ދުވަހެއް ހާމަ ކޮށްފައި ނުވީ ނަމަވެސް ކުއްޖާއާއި އެކީ ފައްސިވި 3 އަހަރުގެ ފިރިހެން ކުއްޖަކަށް އަދިވެސް އަންނަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.

އެގައުމުގެ ސިއްހީ އޮފިޝަލުން ބުނާ ގޮތުގައި އެކުއްޖާ އޮމިކްރޮން ވޭރިއެންޓަށް ފައްސިވެފައިވަނީ އާއިލާ މީހުންނާއި އެކީ ނައިޖީރިއާއިން އިންޑިއާއަށް އައި ފަހުން ހެދި ޓެސްޓުންނެވެ. އޭރު ފައްސިވެފައިވަނީ ހަތަރު މީހެކެވެ. އެއީ ކުއްޖާގެ އިތުރުން ކުއްޖާގެ މަންމަ އާއި އޭނާގެ އިތުރު ދެ ކުދިންނެވެ.

އެފަރާތްތަކުން ބުނެފައިވަނީ ކުއްޖާއަށް އޮމިކްރޮން ޖެހުނު ނަމަވެސް ކެއްސާ ކުދި ކުދި އަލާމާތްތަކެއް ފުރަތަމަ ކޮޅު ހުރި ކަމަށާއި އެހެން ނަމަވެސް ފަހުން ފަރުވާ ދިނުމުން ބަލިން އަވަހަށް ފަސޭހަވެފައިވާ ކަމަށެވެ.

އިންޑިއާގައި ހަލުވި ކަމާއި އެކީ އޮމިކްރޮން ވޭރިއެންޓަށް ގިނަ ބަޔަކު ފައްސިވަމުން އަންނައިރު، ޕޫނޭ އިން ފައްސިވި ހަމަ އެކަނި މީހާ ވެސް ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު ބަލިން ރަނގަޅުވުމުން ދޫކޮށްލާފައިވާ ކަމަށް އެގައުމުގެ މީޑިއާތަކުން ވަނީ ރިޕޯޓް ކޮށްފައެވެ.

ދުނިޔޭގެ ގިނަ ގައުމުތަކުން އޮމިކްރޮން ވޭރިއެންޓް ފެންނަމުން އަންނައިރު، ކަމުގެ މާހިރުން ބުނާ ގޮތުގައި މި ބައްޔަކީ މީގެ ކުރިން ފެނިފައިވާ ޑެލްޓާ ވޭރިއެންޓަށްވުރެ ނުރައްކާތެރި ނޫން ބައްޔެކެވެ.