ކޮވިޑް-19ގެ ބަލިމަޑުކަމުގެ ތެރޭގައި އަމިއްލަ ޖީބުން ސިއްހީ ހަރަދުތަކަށް ދައްކަން ޖެހުނު ފައިސާގެ އަދަދު ބޮޑުވުމާއެކު، ދުނިޔޭގެ އެކި ކަންކޮޅުތަކުން ބައި ބިލިއަން މީހުން ފަގީރުވެފައިވާ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމުއިއްޔާ (ޑަބްލިއުއެޗްއޯ) އާއި ވޯލްޑް ބޭންކުން ބުނެފިއެވެ.

މި ބަލިމަޑުކަމުގެ ސަބަބުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ސިއްހީ ހިދުމަތްތައް ފޯރުކޮށްދިނުމުގައި ގޮންޖެހުންތަކަކާއި ކުރިމަތިލާންޖެހި، އިގްތިސާދީ ގިނަ މަސައްކަތްތަކެއް ހުއްޓުމަކަށް އައިސްފައިވެއެވެ. މިކަމުގެ ސަބަބުން ސިއްހީ ހިދުމަތަށް ފައިސާ ދައްކަން ރައްޔިތުންނަށް އިތުރަށް ދަތިވެފައިވާ ކަމަށް އެދެ ޖަމުއިއްޔާ ގުޅިގެން އިއްޔެ ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

ޑަބްލިއުއެޗްއޯގެ ޑިރެކްޓާ ޖެނެރަލް ޓެޑްރޯސް އަދަނޮމް ގެބްރެޔެސޫސް ވިދާޅުވީ، މާލީ ގޮތުން އެއްވެސް ދަތިކަމެއްނެތި ކޮންމެ ރައްޔިތަކަށް ވެސް ސިއްހީ ހިދުމަތްތައް ލިބޭނެ ފަދަ އިންތިޒާމްތައް ހަމަޖައްސައިދޭން ހުރިހާ ގައުމެއްގެ ސަރުކާރަކުން މަސައްކަތް ކުރަންޖެހޭ ކަމަށެވެ.

ސިއްހީ ނިޒާމަށް ސަރުކާރުތަކުން ދޭ ސަމާލުކަން އިތުރުކޮށް، މާލީ ގޮތުން ދަތިކަމެއްނެތި އެންމެންނަށްވެސް ސިއްހީ ހިދުމަތްތައް ލިބޭނެ މަގުތައް ވީހާވެސް އަވަހަކަށް ތަނަވަސްކޮށްދޭން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

މިދިޔަ މާޗް މަހު ޝާއިއުކުރި ޕިއު ރިސާޗް ސެންޓަރުގެ ދިރާސާއަކުން ދައްކާ ގޮތުގައި މި ބަލިމަޑުކަމުގެ ސަބަބުން އިންޑިއާގެ މެދުފަންތީގެ ތެރޭގައި ހިމެނުނު މީހުންގެ ތެރެއިން 32 މިލިއަން މީހުންގެ ދިރިއުޅުމުގެ ފެންވަރު ވަނީ އެއަށްވުރެ ދަށްވެފައެވެ. އެމީހުންނަކީ، އެއީ ދުވާލަކު 10 ޑޮލަރާއި 20 ޑޮލަރާ ދެމެދުގެ އާމްދަނީއެއް ލިބޭ މީހުންގެ ގޮތުގައި ވަނީ ކަނޑައަޅާފައެވެ.

މި ކާރިސާގެ ސަބަބުން އިންޑިއާގެ ފަގީރުންގެ އަދަދު 75 މިލިއަން އިތުރުވެފައިވާ ކަމަށް އަންދާޒާ ކޮށްފައިވެއެވެ.

މީގެއިތުރުން، އދގެ ކުޑަކުދިންގެ އޭޖެންސީ (ޔުނިސެފް) އިން ބުރާސްފަތި ދުވަހު އާންމުކުރި ރިޕޯޓެއްގައި ބުނެފައިވަނީ މި ބަލިމަޑުކަމުގެ ސަބަބުން އިތުރު 100 މިލިއަން ކުދިން މިހާރު "މަލްޓިޑައިމެންޝަނަލް" ފަގީރުކަމުގައި ދިރިއުޅެމުންދާ ކަމަށް ލަފާކުރެވޭ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Anonymous

    ކޮރަޕްޓް ސަރުކާރަކާ އެކު ދިވެހިރައްޖެވެސް މިދަނީ މި މިސްރާބަށް. އަހަރެމެން އެންމެން ވެކްސިން ޖަހާ ބޫސްޓަރ ޖަހައިގެން ބަނޑަށް މަރުވުންވެސް ރަނގަޅު ބަލީގައި މަރުވުމަށްވުރެ.
    އެކަމަކު މިފަދަ ބަލިތަކުގައި މަރުވާނީމުސްލިމުންގެ ތެރެއިން ޝަހީދުން ކަމަށް ރަސޫލުﷲ ސއވ ގެ ހަދީސްގައިވަނީ.