އިންޑޮނޭޝިއާގެ އައްސޭރިފަށަށް 7.4 މެގްނެޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެއެވެ.

ބިންހެލުން އައިސްފައި ވަނީ އިންޑޮނޭޝިއާގެ މައުމެރީ ނަމަކަށް ކިޔާ ރަށުގެ ކައިރިން ކަނޑުގެ އަޑިއަށެވެ. ބިންހެލުމުގެ ސަބަބުން ސުނާމީއެއް އުފެދިދާނެ ކަމަށް ފުރަތަމަ ލަފާކުރިއެވެ. އަދި އިންޑޮނޭޝިޔާގެ ބައެއް ރަށްތަކަށް ސުނާމީގެ އިންޒާރު ވެސް ނެރުނެވެ. ނަމަވެސް ފަހުން ވަނީ އިންޒާރު އުވާލާފައެވެ.

ބިންހެލުމުގެ ސަބަބުން ބައެއް އިމާރާތް ތަކަށް ލޮޅުން އެރި ކަމަށް ރިޕޯޓު ކޮށްފައި ވެއެވެ. ނަމަވެސް އެއްވެސް މީހަކަށް ގެއްލުމެއް ލިބުނު ކަމުގެ މައުލޫމާތު އަދި ލިބިފައެއްނުވެއެވެ.

ބިންހެލުން އައީ ކަނޑުގެ 11 މޭލު އަޑިއަށެވެ. ބިންހެލުން އައީ އިންޑޮނޭޝިއާގެ ގަނޑިން މިއަދު ހެނދުނު 10:20 ކަންހާއިރުއެވެ.

ބިންހެލުން އައުމާއިއެކު އައްސޭރިފަށުގައި ދިރިއުޅޭ މީހުން ވަނީ އުއްސަރަހައްދު ތަކަށް ވެސް ގޮސްފައެވެ. ނަމަވެސް ސުނާމީގެ ނުރައްކަލެއް ނެތުމުން މިހާރު ބައެއް މީހުން އަނބުރާ އެމީހުން ދިރިއުޅޭ ސަރަހައްދުތަކަށް ގޮސްފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

އިންޑޮނޭޝިއާ އަކީ "ރިންގް އޮފް ފަޔާ" ގައި އޮންނަ ގައުމެއް ކަމަށް ވާތީ އެގައުމަށް ވަރަށް ގިނައިން ބާރުގަދަ ބިންހެލުންތައް އާދެއެވެ.

މިއަދު ބިންހެލުން އައި ސަރަހައްދަށް 1999 ވަނަ އަހަރު 7.8 މެގްނެޓިއުޑްގެ ބާރު މިނުގައި އައި ބިންހެލުމެއްގައި ވެސް 2000 އަށް ވުރެ ގިނަ މީހުން މަރުވިއެވެ. 2004 ވަނަ އަހަރު އިންޑޮނޭޝިއާ އަށް އައި ބިންހެލުމަކީ ވެސް މިހާތަނަށް ދުނިޔެ އަށް އައި އެންމެ ގެއްލުން ބޮޑު ބިންހެލުންތަކުގެ ތެރެއިން ބިންހެލުމެކެވެ.