ޗައިނާއިން ކޮވިޑް-19ގެ އާ ވޭރިއެންޓެއް ކަމަށްވާ އޮމިކްރޮން ވޭރިއެންޓުގެ ފުރަތަމަ ވޭދަނަ ފެނިފައިވާ ކަމަށް އެގައުމުން ބުނެފިއެވެ.

އެ ގައުމުގެ ސަރުކާރުން ހިންގާ ޓިއާންޖިން ޑެއިލީ ނޫހުން އިއްޔެ ރިޕޯޓު ކޮށްފައިވާ ގޮތުން މި ވޭދަނަ ފެނިފައިވަނީ އުތުރުގެ ސިޓީއެއް ކަމަށްވާ ޓިއާންޖިން އިންނެވެ. އެ ނޫހުން ބުނީ މި ވޭދަނަ ފެނިފައިވަނީ މިދިޔަ މަހުގެ ނުވަ ވަނަ ދުވަހު ގައުމުން ބޭރުން އެ ސިޓީއަށް އައި ދަތުރުވެރިއެެއްގެ ގައިން ކަމަށެވެ. އަދި އެ މީހާއަށް މިހާރު ހޮސްޕިޓަލުގައި އެކަހެރިކޮށް ފަރުވާދެމުން ދާ ކަމަށް ބުނެފައިވެއެވެ.

މިއަދު އެގައުމުގެ ސަރުކާރުން ބުނީ އޮމިކްރޮން ވޭރިއެންޓުގެ ދެވަނަ ވޭދަނައެއް ވެސް ފެނިފައިވާ ކަމަށެވެ. މި ވޭދަނަ ފެނިފައިވަނީ މިދިޔަ މަހުގެ 27ވަަނަ ދުވަހު ޝަންހާއީއަށް ބޭރުން އައި ދަތުރުވެރިޔެއްގެ ގައިން ކަމަށެވެ. އުމުރުން 67 އަހަރުގެ އެ މީހާ ކޮވިޑްއަށް ޓެސްޓް ކުރިއިރު ހުރީ ގޭގައި ކަރަންޓީނުގައި ކަމަށް ބުނެފައިވެއެވެ. އަދި ޓެސްޓްް ކޮށްފައިވަނީ މި މަހުގެ 12ވަނަ ދުވަހު ކަމަށާއި، ޖެނޯމް ސީކުއެންސިން ޓެސްޓުގެ ނަތީޖާ ލިބުނީ އޭގެ އެއް ދުވަސް ފަހުން ކަމަށް ރިޕޯޓު ކޮށްފައިވެއެވެ.

އޭނާއަށް ބަލި ޖެހިފައިވަނީ ގައުމުން ބޭރަށް ދަތުރުކުރުމުގެ ސަބަބުން ކަމެއް ނުވަތަ ޗައިނާގެ "ކްލޯޒްޑް ލޫޕް" ގެ ތެރޭގައި އުޅެނިކޮށް ކަމެއް އަދި ސާފެއް ނުވެއެވެ.

އެ ސްޓޭޓްގެ ބްރޯޑްކާސްޓަރ ސީސީޓީވީން ރިޕޯޓްކުރާ ގޮތުގައި އެ މީހާ ވަނީ މި މަހުގެ 11 ވަނަ ދުވަހު ޝަންހާއީއިން ގުއަންޒޫއަށް ދަތުރުކޮށްފައެވެ. އެ މީހާ މިހާރު އޮތީ ހޮސްޕިޓަލުގައި އެކަހެރި ކޮށްފައި ކަމަށާއި، ކޮވިޑް-19 އަށް ފަރުވާ ހޯދަމުންދާ ކަމަށް ރިޕޯޓުތައް ބުނެއެވެ. އަދި އޭނާގެ ހާލު ރަނގަޅު ކަމަށް ސިއްހީ އިދާރާތަކުން ބުނެފައިވެއެވެ.

ޗައިނާގެ އުސޫލުތައް ބުނާގޮތުން ކޮވިޑަށް ފައްސިވާ އެންމެން ހޮސްޕިޓަލުގައި އެކަހެރިވެ، ފަރުވާ ހޯދަންޖެހެއެވެ.