ދެކުނު އެފްރިކާއިން ފުރަތަމަ ދެނެގަނެވުނު ކޮވިޑް-19ގެ އާ ވޭރިއެންޓް ކަމަށްވާ އޮމިކްރޮން ވޭރިއެންޓް ޕޮލެންޑުން ފެނިއްޖެއެވެ.

އެ ގައުމުގެ ޑެޕިއުޓީ ހެލްތު މިނިސްޓަރު ވަލްޑެމާރް ކްރަސްކާ ވިދާޅުވީ، މި ވޭރިއަންޓް ފެނިފައިވަނީ ދެކުނުގެ ސިޓީއެއް ކަމަށްވާ ކަޓޯވިސްއިން ސެނިޓަރީއިން ކަމަށެވެ.

ޕޮލެންޑަށް ވަނީ ކޮވިޑްގެ ހަތަރުވަނަ ރާޅަކާއި ކުރިމަތިލާން ޖެހިފައެވެ. މި ރާޅާއެކު އެގައުމުން ގިނަ ބަޔަކު އަންނަނީ ކޮވިޑަށް ފައްސިވެ، ރިޕޯޓު ކުރަމުންނެވެ. އަދި މިހާރު ދުވާާލެއްގެ މައްޗަށް ގިނަ އަދަދެއްގެ ބަޔަކު ކޮވިޑަށް ފައްސިވަމުންދާތީ، އެގައުމުގައި ކޮވިޑުން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތައް ހަރުކަށި ކުރުމަށް ވަނީ މަޖުބޫރުވެފައެވެ.

ގާތްގަނޑަކަށް 38 މިލިއަން މީހުންގެ އާބާދީ އޮންނަ ޕޮލެންޑުން މިހާތަނަށް 3،903،445 މީހަކު ކޮވިޑަށް ފައްސިވެ، ރިޕޯޓު ކޮށްފައިވެއެވެ. އަދި ބަލިމަޑުކަމުގައި 90,306 މީހުން މަރުވެފައިވާ ކަމަށް އެގައުމުގެ ސިއްހީ އިދާރާއިން ރިޕޯޓު ކޮށްފައިވެއެވެ.

ޖެނީވާގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ދުނިޔޭގެ ސިއްހަތު ޖަމުއިއްޔާ، ޑަބްލިއުއެޗްއޯގެ ޗީފް ޓެޑްރޯސް އަދަނޮމް ވިދާޅުވީ މިހާތަނަށް 77 ގައުމަކުން އޮމިކްރޮން ވޭރިއަންޓް ފެނިފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ މިހާތަނަށް އޮމިކްރޮން ވޭދަނައެއް ނުފެންނަ ގިނަ ގައުމުތަކެއްގައި ވެސް އޮމިކްރޮން ފެތުރިފައި އޮތުން ވަރަށް ގާތް ކަމަށެވެ.

އެންމެ ފުރަތަމަ މި ވޭރިއެންޓް ފެނިފައިވަނީ ދެކުނު އެފްރިކާއިންނެވެ. އަދި އެއަށްފަހު ޔޫރަޕާއި، އިނގިރޭސިވިލާތް އަދި އެހެން ތަންތަނުން ވެސް ފެނިފައިވެއެވެ.