ސީރިޔާގެ އިދިކޮޅު ފަރާތްތަކުގެ އަތްދަށުގައި ހުންނަ އެޤައުމުގެ އިރުމަތީ ޣޫޠާއަށް، ފާއިތުވި ހަފްތާއިން ފެށިގެން ދަނީ ބޮޑެތި ހަމަލާތަކެއް ދެމުންނެވެ. ވަކި މީހަކަށް ނުވަތަ ވަކި ތަނަކަށް ނުބަލާ، ވަރުގަދަ ބޮމުގެ ހަމަލާތައް ދެމުން ދާއިރު، އެތައް ބަޔަކުވަނީ މަރުވެ، އަދި އެތައް ބަޔަކުވަނީ ޒަޚަމްވެފައެވެ.

ބައިނަލްއަޤުވާމީ ޚަބަރު ފަތުރާ ވަސީލަތްތަކުން ބުނާ ގޮތުގައި ފާއިތުވި ދުވަސްތަކުގައި ދިން ޙަމަލާތަކުގެ ސަބަބުން ޣޫޠާއިން 400 އަށް ވުރެ ގިނަ މީހުންވަނީ މަރުވެފައެވެ.

ސީރިޔަން އޮބްޒަވޭޓަރީ ފޯރ ހިއުމަން ރައިޓްސް އިންވެސް މިކަން ކަށަވަރުކޮށްދޭއިރު، އެފަރާތްތަކުން ބުނާގޮތުގައި ޙަމަލާތަކުގައި ޒަޚަމްވި މީހުންގެ އަދަދު 2100 އަށްވުރެވެސް އިތުރުވާނެއެވެ.

މިކަމާ ގުޅިގެން އދ. އިން ސީރިޔާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ސްޓެފަން ޑި މިސްޓުރާ ވިދާޅުވެފައިވަނީ، ހަމަލާ ބަދަލުކުރުންތައް ވީ އެންމެ އަވަހަކަށް ހުއްޓާލަން ޖެހޭ ކަމަށެވެ. އަދި، އެކަމަށް ސަލާމަތީ މަޖިލީހުން އެދެވޭ މަސައްކަތްތަކެއް ކުރަން ޖެހޭކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މިސްޓުރާ ވިދާޅުވީ ހަމަލާ ބަދަލުކުރުންތައް ހުއްޓާލުމަށްފަހު، މެދެކެނޑުމެއް ނެތި އިންސާނީ އެހީ، އެސަރަޙައްދަށް ފޯރުކޮށްދީ، އިތުރު ފަރުވާ ބޭނުންވާ މީހުން އެހެން ސަރަޙައްދުތަކަށް ބަދަލުކުރުމުގެ މަސައްކަތްވެސް ފަށަން ޖެހޭކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވި ގޮތުގައި، ޣޫޠާއަށް އަވަސް ހައްލަކާއި އަވަސް އެހީއެއް ނުލިބިއްޖެނަމަ، ހަލަބަށް ޖެހުނު ހާލު ޖެހުމުގެ ބޮޑު ފުރުޞަތެއް އެބަ އޮތްކަމަށެވެ.