ދުނިޔޭގެ އެކި ހިސާބުތަކުގައި މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19ގެ އޮމިކްރޮން ވޭރިއެންޓާއި ގުޅިގެން ތައިލެންޑްގައި އެލާޓް ލެވެލް މަތިކޮށްފިއެެވެ.

ތައިލެންޑުގެ ކަމާއި ގުޅުން ހުރި އިދާރާތަކުން މިއަދު އާއްމު ކުރި މައުލުމާތަށް ބަލާއިރު، 5،775 ކޮވިޑްގެ އާ ޥޭދަނަ ފެނިފައި ވެއެވެ. މިއީ އޭގެ ކުރީ ދުވަހާއި އަޅާބަލާއިރު، 48 އިންސައްތައިގެ އިތުރުވުމެކެވެ. އަދި ޖެނެއަރީ އެއް ވަނަ ދުވަހާއި އަޅާކިޔާނަމަ ގާތްގަނޑަކަށް ދެގުނައަށް އިތުރު އަދަދެކެވެ.

އަލްޖަޒީރާއިން ބުނީ، ތައިލެންޑްގައި ކޮވިޑްގެ އެލާޓް ލެވެލް މަތިކުރަމުން ދަނީ، އާ ވޭރިއަންޓްގެ ސަބަބުން ބައްޔަށް ފައްސިވާ އަދަދުތައް ވަރަށް ބޮޑަށް އިތުރުވެ، ހިރާސްބޮޑުކަަމަށް ފާހަގަކުރެވޭ ސަރަހައްދުތައް ބަންދުކޮށް، ދަތުރުފަތުރުކުރުން ހުއްޓުވުމުގެ ބާރު އޮފިޝަލުންނަށް ދީފައި ވަނިކޮށް ކަމަށެވެ.

އެގޮތުން މިހާރު ތައިލެންޑްގައި ކޮވިޑާއި ގުޅިގެން، ލެވެލް ތިނެއް އިން ހަތަރު އަށް ވަނީީ ބަދަލުކޮށްފައެވެ.

އެ ގައުމުގެ ހެލްތު މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ ކިއަޓިޕޫމް ވޮންގްރަޖިތު ވިދާޅުވީ، ތައިލެންް މިހާރު ކޮވިޑްގެ އާ ރާޅެއްގެ ތެރެއަށް ވަދެފައިވާ ކަމަށާއި، ބައެއް ތަންތަނުގައި ކުރިއަށް އޮތްތަނުގައި ހަލުވިކަމާއެކު ކޮވިޑްގެ ވޭދަނަތައް އިތުރުވެގެން ދާނެ ކަމަށެވެ.

"އޭގެ މާނައަކީ ހިރާސް ބޮޑު ތަންތަން ބަންދުކޮށް އިތުރު ފިޔަވަޅުތައް އިއުލާން ކުރުން އެކަށީގެންވާ،" ލެވެލް މަތި ކުރުމުން ކަންތައް ވާނެ ގޮތް ހިއްސާ ކުރަމުން އޭނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު