އިންޑިއާގައި އެއް ދުވަހުގެ ތެރޭގައި ރެކޯޑް އަދަދަކަށް ކޮވިޑް-19ގެ އާ ވައްތަރުކަމަށްވާ އޮމިކްރޮން ވޭރިއެންޓްގެ ވޭދަނަތައް ފެނިއްޖެއެވެ.

އެ ގައުމުގެ ކަމާއި ގުޅުން ހުރި އިދާރާތަކުން މިއަދު ވަނީ އެ އަދަދުތައް އާއްމުކޮށްފައެވެ. އެގޮތުން ފާއިތުދިޔަ 24 ގަޑިއިރު ތެރޭގައި އެ ގައުމުން އޮމިކްރޮން ވޭރިއެންޓްގެ 495 ވޭދަނަ ފެނިފައި ވެއެވެ.

މިއާއެކު މި ވޭރިއެންޓްގެ ވޭދަނަތަކުގެއަދަދު 2630 އަށް ވަނީ އަރާފައެވެ. މީގެ ތެރެއިން މަހަރަޝްތްރާއިން އާ ވޭރިއެންޓްގެ 797 ވޭދަނަ ފެނިފައިވާއިރު، ދިއްލީން 465، ރަޖަސްތާނުން 234، ކަރްނަޓަކާއިން 226، ގުޖްރާތުން 204 އަދި ޓަމިލް ނެޑޫން 121 ވޭދަނަ ފެނިފައި ވެއެވެ.

މީގެ އިތުރުން އެ ގައުމުގައި އިއްޔެ ކޮވިޑަށް ފައްސިވި އަދަދުވެސް ވަނީ ވަރަށް ބޮޑަށް މައްޗަށް ގޮސްފައެވެ. އެގޮތުން އިއްުޔެ އެކަނި 90،928 މީހަކު ކޮވިޑަށް ފައްސިވެފައި ވެއެވެ. މިއީ ފާއިތުވި 200 އެއްހާ ދުވަސް ތެރޭގައި، އެއް ދުވަހެއްގެ ތެރޭގައި މިހާ ގިނަބަޔަކު ކޮވިޑަށް ފައްސިވި ފަހަރެވެ. މިއާއެކު މިހާރު އެ ގައުމުން ކޮވިޑަށް ފައްސިވި މީހުންގެ އަދަދު 3.5 މިލިއަނަށް ވަނީ އަރާފައެވެ.

މީގެ ތެރެއިން މިހާރު ފަރުވާ ހޯދަމުން ދަނީ 2,85,401 މީހެކެވެ.

އެ ގައުމުގެ ހެލްތް މިނިސްޓްރީން ބުނީ، އެ ގައުމުން އިއްޔެ ކޮވިޑްގައި މަރުވެފައި ވަނީ 325 މީހެއް ކަަމަށެވެ. މިއާއެކު ކޮވިޑްގައި މަރުވި މީހުންގެ އަދަދު ވަނީ 4,82,876 އަށް އަރާފައެވެ.

އިންޑިއާގައި ދުވާލެއްގެ މައްޗަށް ކޮވިޑަށް ފައްސިވާ އަދަދުތައް 6.43 އިންސައްތައިގައި އުޅޭއިރު، ހަފްތާއެއްގެ ތެރޭގައި ފައްސިވާ އަދަދުތައް އުޅެނީ 3.47 އިންސައްތައިގައެވެ.

ކިޔުންތެރިންގެ ހިޔާލު