އޮސްޓްރޭލިއާގައި ހަލުވިކަމާއެކު ކޮވިޑް-19 ފެތުރި، އަޅާފައިވާ ހަރުކަށި ފިޔަވަޅުތަކުގެ ސަބަބުން މަސައްކަތްތެރިންގެ ދަތިކަން އިންތިހާއަށް ބޮޑުވެ، ވިޔަފާރިތަކާއި ސަޕްލައި ޗެއިންތަކަށް ވެސް ބޮޑެތި ލޮޅުންތަކެއް އަރާފައި ކަމަށް، އޮސްޓްރޭލިއާގެ އިދާރާތަކުން ބުނެފިއެވެ.

މެއި މަހުގެ ކުރިން ފެޑެރަލް އިންތިޚާބަކާ ކުރިމަތިލައްވަން ޖެހިވަޑައިގެންފައިވާ ބޮޑުވަޒީރު ސްކޮޓް މޮރިސަންއަށް ވަނީ ކޮވިޑް ބަލިމަޑުކަމުގެ ސަބަބުން ޕްރެޝަރ ބޮޑުވެފައެވެ. އެގައުމުގައި ސިއްްހީ އާލާތްތަކުގެ ދަތިކަން ކުރިމަތިވެ، ކޮވިޑް ޓެސްޓް ކުރަން ބޭނުންވާ މީހުން އެކަމަށް އެދި ގިނަ ވަގުތު ކިއުގައި މަޑުކުރަން ޖެހުމުގެ ސަބަބުންނާއި، އެންޓިޖެން ޓެސްޓް ކުރެވޭނެ ގޮތެއް ނެތުމުން ގިނަ ބައެއްގެ ފާޑުކިޔުންތައް ސްކޮޓްއަށް ދަނީ އަމާޒުވަމުންނެވެ.

އޮސްޓްރޭލިއާގައި މިހާރު ބަލިޖެހޭ މީހުންގެ ރޭޓް އޭޝިއާ ޕެސިފިކް ސަރަހައްދުގެ އެހެން ހިސާބުތަކަށް ވުރެ އެތައް ގުނައެއް މަތިއިރު، އެ ގައުމުގެ ބައެއް ސައިންސްވެރިން ވަނީ އިތުރަށް ހާލަތު ގޯސްވެދާނެ ކަމަށް ލަފާކޮށްފައެެވެ.

ކޮވިޑްގެ ހާލަތު ގޯސް ދަނޑިވަޅެއްގައި ވެސް، އެގައުމުގެ ވިޔަފާރިތައް ބަނގުރޫޓުވުން ހުއްޓުވުމުގެ ގޮތުން ނިއު ސައުތު ވޭލްސް ސަރުކާރުން ވަނީ، ބަލީގެ އަލާމާތްތައް ނުފެންނަ ނަމަ ކޮވިޑަށް ފައްސިވާ މީހުންނާއި ގާތުން އެއްތަންވި މުވައްޒަފުން ވެސް އަމިއްލައަށް ޓެސްޓު ކުރަން ނޭދުމަށް އަންގާފައެވެ.

ޓްރާންސްޕޯޓް ވޯކާސް ޔޫނިއަނުން ބުނީ، ކޮވިޑް ގަވާއިދުތަކުގެ ސަބަބުން ގާތްގަނޑަކަށް 50 އިންސައްތަ ޓްރަކް ޑްރައިވަރުން އެކަހެރި ވެފައިވާ ކަމަށާއި، އެކަމުގެ ސަބަބުން އޮސްޓްރޭލިއާގެ ސަޕްލައި ޗެއިން "ބޮޑު ޕްރެޝަރެއް" ގެ ތެރެއަށް ވެއްޓިފައިވާ ކަމަށެވެ.

އޮސްޓްރޭލިއާއިން މިހާތަނަށް 762,458 މީހުންނަށް އަލަށް ބަލިޖެހިފައިވާކަމަށް ވަނީ ރިޕޯޓްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ށުވޭސ

    އޮސްޓްރޭލިޔާ ގެ ބޮޑުވަޒީރުގެ ނާޤާ ބިލް ކަމުގެ ވާހަކަ ވަޤުތުނޫހުގެ ނޫސްވެރިންނަށް ވަރަށް ރަގަޅަށް ލިޔެވިދާނެ

  2. އަޙްމަދް

    ޢެއީ ކޮވިޑް ސަބަބަކުންނޫން!
    ސަރުކާރުތަކުން ބިރުދައްކައިގެން ވިއަފާރިތަކަށް ހުރަސްއަޅާތީ ނޫންތޯ….
    އެެހެން ނޫނަސް ވެކްސިން ވިއަފާރި ކުރިއަރާނެ ނޫންތޯއެވެ.