އިނގިރޭސިވިލާތުގެ ލަންޑަންގައި ކޮވިޑް-19 ފެތުރޭ މިންވަރު އިތުރުވެ ބައެއް ހޮސްޕިޓަލްތަކުން އިތުރު ސިއްހީ ހިދުމަތްތެރިން ބޭނުންވާ ކަމުގެ ޝަކުވާ ކުރަމުން އަންނަތާ އެތައް ދުވަހެއް ފަހުން އެންމެ ފަހުން ހޮސްޕިޓަލްތަކުގައި ހިދުމަތް ދިނުމަށް ސިފައިން ނެރެފިއެވެ.

އިނގިރޭސިވިލާތުގެ ސަރުކާރުން ބުނާ ގޮތުގައި ސިފައިންގެ ތެރޭގައި ތިބި ނަރުހުންނާއި ޑޮކްޓަރުން ހޮސްޕިޓަލްތަކުގެ ޑިއުޓީ އަށް ގަވައިދުން ނިކުންނަން ފަށާފައިވާ ކަމަށެވެ. ހޮސްޕިޓަލްތަކުގައި ހިދުމަތް ދިނުމަށް 200 ސިފައިން މިހާތަނަށް ވަނީ ނެރެފައެވެ. މިހާރު ނެރެފައިވާ ސިފައިން ހޮސްޕިޓަލްތަކުގައި މަސައްކަތް ކުރާނީ ތިން ހަފްތާގެ މުއްދަތަކަށެވެ. ސިފައިން އިތުރަށް ހޮސްޕިޓަލްތަކުގައި މަސައްކަތް ކުރުމާއި މެދު ގޮތެއް ނިންމާނީ ތިން ހަފްތާ ފަހުންނެވެ.

ސިފައިން ހޮސްޕިޓަލްތަކަށް ނެރުނު އިރު މިދިޔަ އަންގާރަ ދުވަހު ލަންޑަންގެ 17 ހޮސްޕިޓަލަކުން ވަނީ ސިއްހީ ހިދުމަތްތެރިން މަދުވުމުގެ ސަބަބުން ހިދުމަތް ދިނުމަށް ދަތިވެފައިވާ ކަމަށް ބުނެފައެވެ. ނަމަވެސް މިހާތަނަށް ބޮޑުވަޒީރު ބޮރިސް ޖޯންސަން ވިދާޅުވަމުން ގެންދެވީ ހޮސްޕިޓަލްތަކަށް ސިއްހީ ހިދުމަތްތެރިންގެ ދަތިކަމެއް ނެތް ކަމަށެވެ.

ކޮވިޑް ބަލި މީހުންގެ އަދަދު އިނގިރޭސިވިލާތުގައި އިތުރުވަމުން އަންނައިރު އެހެން ބަލިތަކަށް ފަރުވާ ހޯދާ އެތައް މިލިއަން މީހުންނެއް ހޮސްޕިޓަލްތަކުން އެޕޮއިންޓްމަންޓް ނުލިބިފައި ވެސް އެބަތިއްބެވެ. ގާނޫނު ހަދާ މަޖިލީހުގެ ހެލްތު އެންޑް ސޯޝަލް ކެއާ ކޮމެޓީގެ މެންބަރުން އިއްޔެ ބުނި ގޮތުގައި 5.8 މިލިއަން މީހުން ފަރުވާ ހޯދަން ވެއިޓިން ލިސްޓްގައި އެބަތިއްބެވެ.

އިނގިރޭސިވިލާތުގެ ސަރުކާރުން މިހާރު ވަނީ ކޮވިޑް އިތުރުވަމުން އަންނާތީ 1800 ސިފައިން ބައެއް މަދަނީ މަސައްކަތްތަކަށް ވެސް ނެރެފައެވެ.

އިނގިރޭސިވިލާތަކީ މިހާރު އެންމެ ހަލުވިކޮށް ކޮވިޑް ފެތުރެމުން އަންނަ އެއްގައުމެވެ. ނަމަވެސް އެގައުމުގެ ސަރުކާރުން ބުނާ ގޮތުގައި ކޮވިޑް ކޮންޓްރޯލް ކުރަން އަލުން އަޅާނެ ފިޔަވަޅެއް ނެތެވެ. ސަރުކާރުން މަސައްކަތް ކުރާނީ މިހާރު ވެސް އަޅާފައި ހުރި ފިޔަވަޅުތައް ތަންފީޒު ކޮށްގެން ކޮވިޑް ކޮންޓްރޯލް ކުރަން ކަމަށް ސަރުކާރުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު