ކަޒަކިސްތާންގެ ސަރުކާރާއި ދެކޮޅަށް ޖަނަވަރީ މަހުގެ 02 ވަނަ ދުވަހު ފެށުނު މުޒާހަރާއާއި ގުޅިގެން 12000 މީހުން ހައްޔަރު ކޮށްފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

ހައްޔަރު ކޮށްފައިވާ މީހުންގެ އާއިލާ މެންބަރުންނާއި ރަހުމަތްތެރިން "އޭއެފްޕީ" އަށް މައުލޫމާތު ދެމުން ބުނީ ހައްޔަރު ކޮށްފައިވާ މީހުންނަށް އާއިލާ މެންބަރުންނާއި ވެސް އަދި ގާނޫނީ ވަކީލުންނާއި ވެސް ބައްދަލު ކުރުމުގެ ފުރުސަތު ފުލުހުން ނުދޭ ކަމަށެވެ.

ތެލުގެ އަގު ކުއްލިއަކަށް ބޮޑު ކުރުމުން ފެށި މުޒާހަރާ ސިފައިން ބާރުގެ ބޭނުން ކޮށްގެން ވަނީ ރޫޅާލާފައެވެ. މުޒާހަރާ ރޫޅާލުމަށްޓަކައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް ސިފައިން ވަނީ މުޒާހަރާގެ ބައިވެރިންގެ ގަޔަށް ބަޑި ވެސް ޖަހާފައެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި މުޒާހަރާ އެންމެ ވަރުގަދައަށް ކުރިއަށް ދިޔަ އަލްމަޓީން އަދިވެސް ދަނީ މީހުން ހައްޔަރު ކުރަމުންނެވެ. އިއްޔެ ވެސް އަލްމަޓީން 1678 މީހުން ހައްޔަރު ކޮށްފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

މިހާތަނަށް ހައްޔަރު ކުރި މީހުން ހައްޔަރު ކުރިކަން ރަސްމީ އިދާރާތަކުން އާއިލާ އަށް ވެސް އަންގާފައި ނުވާތީ ވަރަށް ގިނަ މީހުން ވަނީ އެމީހުންގެ އާއިލާ މެންބަރުންގެ ޚަބަރެއް ވޭތޯ ޕޮލިސް ސްޓޭޝަންތައް ކައިރިއަށް ވެސް ގޮސްފައެވެ. އަދި ބައެއް މީހުން ވަނީ އާއިލާ މެންބަރުންގެ މައުލޫމާތެއް ލިބޭތޯ މޯޗަރީތަކަށް ވެސް ގޮސްފައެވެ. މުޒާހަރާގެ ތެރެއަށް ސިފައިން ބަޑި ޖެހުމުންނާއި މުޒާހަރާތަކާއި ގުޅިގެން ހިނގި ހަމަނުޖެހުންތަކުގައި 164 މީހަކު މަރުވެފައިވާކަން މިހާތަނަށް ސަރުކާރުން ވަނީ ކަށަވަރު ކޮށްދީފައެވެ.

އަލްމަޓީން ގިނަ ބަޔަކު ހައްޔަރު ކޮށްފައި ވީނަމަވެސް މިހާރު އަލްމަޓީގެ ހާލަތު ކުރީގެ ހާލަތައް ރުޖޫއަވަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެއެވެ. މިހާރު މޯލްތަކާއި ފިހާރަތައް ވެސް ވަނީ ހުޅުވަން ފަށާފައެވެ. ނަމަވެސް އަދިވެސް މުޒާހަރާގެ ބައިވެރިން އެންމެ ބޮޑަށް ގެއްލުންދިން ޓައުންހޯލް ސަރަހައްދުގެ މަގުތައް އޮތީ ބަންދުކޮށްފައެވެ. މިހާރު އާއްމު ދަތުރުފަތުރަށް ހުޅުވާލާފައިވާ ސަރަހައްދުތަކުގައި ވެސް ސިފައިން ޗެކްޕޮއިންޓްތައް ޖަހައިގެން ފޯރިމަރަމުން އެބަގެންދެއެވެ.

ކަޒަކިސްތާންގައި ހަމަނުޖެހުން ހިންގީ އެހެން ގައުމަކުން ތަމްރީން ވެގެން އައިސްތިބި ނިރުބަވެރިން ކަމަށް ކަޒަކިސްތާންގެ ރައީސް ވަނީ ވިދާޅުވެފައެވެ. ނަމަވެސް ނިރުބަވެރިން ތަމްރީންވީ ކޮން ގައުމަކުން ކަމެއް އޭނާ ވިދާޅެއް ނުވެއެވެ.