ކަޒަކިސްތާނުން ރަޝިއާ މެދުވެރިކޮށް ޖަރުމަނަށް ތެޔޮ ވިއްކަން ނިންމައިފި އެވެ.

ކަޒަކިސްތާނުން އެ ނިންމުން ނިންމިކަން އެ ގައުމުގެ އެނާޖީ މިނިސްޓަރު ބޮލާތު އަކުޗުލަކޯވު ވަނީ ޔަގީންކޮށްދެއްވައިފަ އެވެ.

ޖަރުމަނަށް ތެޔޮ ފޯރުކޮށްދޭން ނިންމާފައި ވަނީ ދުރުޒްބާ ތެޔޮހޮޅި މެދުވެރިކޮށެވެ.

ޖަރުމަނަށް ތެޔޮ ފޯރުކޮށްދޭން ކަޒަކިސްތާނުން ހުށަހެޅި މިދިޔަ ޑިސެމްބަރު މަހު އެވެ. އޭރު ހުށަހެޅީ 1.2 މިލިއަން ޓަނުގެ ތެޔޮ ރަޝިއާގެ ތެޔޮ ހޮޅި ބޭނުންކޮށްގެން ޖަރުމަނަށް ފޯރުކޮށްދޭށެވެ. އަދި ބޭނުން ނަމަ އެ އަދަދު 7.2 މިލިއަން ޓަނަށް އިތުރުކޮށްދެވިދާނެ ކަމަށް ވެސް އޭރު ބުނެފައި ވެއެވެ.

މުޅި ޔޫރަޕުން ވެސް އެންމެ ގިނަ އަދަދަކަށް ރަޝިއާގެ ތެޔޮ ގަންނަމުން ދިޔައީ ޖަރުމަނުން ނެވެ. ނަމަވެސް ރަޝިއާއިން ޔުކްރޭންއަށް އަރައިގަތުމާ ގުޅިގެން ޖަރުމަނުން ވަނީ ވަގުތުން ތެޔޮ އެތެރެކުރުން މަދުކޮށް މިދިޔަ މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ރަޝިއާގެ ތެޔޮ ގަތުން ހުއްޓާލައިފަ އެވެ.

ނަމަވެސް ރަޝިއާގެ ތެލުގެ ބަދަލުގައި އެހެން ގައުމުތަކުން ތެޔޮ ހޯދަން ވަނީ އުނދަގޫވެފަ އެވެ. އެހެންވެ ޖަރުމަނާއި ޔޫރަޕްގެ އެހެން ގައުމުތަކުގައި ވެސް ތެލާއި ގޭހުގެ އަގު ވަނީ ވަރަށް ބޮޑަށް މައްޗަށް އަރައިފަ އެވެ.

ރަޝިއާގެ ދުރުޒްބާ ތެޔޮހޮޅި އޮޕަރޭޓްކުރާ ޓްރާންސްނެޓުން ބުނީ ކަޒަކިސްތާނުން ޖަރުމަނަށް ތެޔޮ ފޯރުކޮށްދިން ނަމަވެސް ރަޝިއާއިން ތެޔޮ ފޯރުކޮށްދޭ ވަރަށް ތެޔޮ ފޯރުނުކޮށްދެވޭނެ ކަމަށެވެ.

ޓްރާންސްނެޓްގެ ތަރުޖަމާނު އީގޯ ޑެމިން ވިދާޅުވީ ރަޝިއާއިން ޖަރުމަނަށް މީގެ ކުރިން އަހަރަކު 20 މިލިއަން ޓަނުގެ ތެޔޮ ފޯރުކޮށްދިން ކަމަށެވެ.

ރަޝިއާއިން ޔުކްރޭންއަށް އަރައިގަތީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހު އެވެ. އޭގެ ފަހުން އިރުމަތީ ޔުކްރޭންގެ ބޮޑުބައެއް ރަޝިއާއިން ވަނީ ހިފައިފަ އެވެ. ނަމަވެސް ދޭތެރެ ދޭތެރެއިން ރަޝިއާ ސިފައިން ފަހަތައް ޖެހި، އަނެއްކާވެސް ހަމަލާތައް ވަރުގަދަކޮށް ކުރިއަށް ޖެހިލުން ފިޔަވައި ހަނގުުރާމައިގައި އެއްވެސް ބަޔަކަށް މާބޮޑު ކާމިޔާބެއް ނުލިބެއެވެ.