ވިސާ ނެގުމެއް ނެތި ދިވެހިންނަށް ކަޒަކްސްތާނަށް ދަތުރުކުރެވޭނެ އެއްބަސްވުމެއްގައި ދެގައުމުގެ މެދުގައި މިއަދު ސޮއިކޮށްފިއެވެ.

މިއަދު ފޮރިން މިނިސްޓްރީގައި އޮތް ރަސްމިއްޔާތެއްގައި އެ އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ހަލީލް އެވެ. އަދި ކަޒަކްސްތާނުގެ ފަރާތުން ސޮއިކުރެއްވީ ކަޒަކްސްތާނުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު ނޫރްލާން ޝަލްގަސްބަޔޭވް އެވެ.

އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސްޓޭޓް މިނިސްޓަރު ހަލީލް ވިދާޅުވީ، ދެ ގައުމުގެ ގުޅުން އިތުރަށް ހަރުދަނާކުރުމަށް ކަޒަކްސްތާނުގެ ސަރުކާރުން ދެއްވާ އެއްބާރުލުމަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.

"މިއަދު ސޮއިކުރެވުނު ވިސާ ވެއިވާ އެގްރިމެންޓްއާއެކު ދެގައުމުގެ ރައްޔިތުން އެއް ގައުމުން އަނެއް ގައުމަށް ދަތުރުކޮށް، ދެގައުމުގެ ގުޅުން އިތުރަށް ހަރުދަނާވެގެންދާނެ." ސްޓޭޓް މިނިސްޓަރު ހަލީލް ވިދާޅުވި އެވެ.

މިއަދު ސޮއި ކުރެވުނު އެއްބަސްވުމުގެ ދަށުން ދެ ގައުމުގެ ރައްޔިތުން އަނެއް ގައުމަށް ދަތުރުކުރުމުގައި، ވިސާ ނެތި 30 ދުވަހަށް އެތެރެވެވޭނެއެވެ. އަދި ޓްރާންސިޓްކުރުމުގައިވެސް ވިސާ ނަގާކަށް ނުޖެހޭނެއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސާލިހްގެ ސަރުކާރު އައި ފަހުން ތައިލެންޑް، ޔުނައިޓެޑް އަރަބް އެމިރޭޓްސް، ރަޝިޔާ، މޮރޮކޯ އަދި ޗައިނާ، ބަންގްލަދޭޝް، ތުރުކީ އަށް ވިސާ އާ ނުލައި ދިވެހިންނަށް ދަތުރުކުރެވޭނެ އިންތިޒާމް ވަނީ ހަމަޖެހިފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އައްޔު

    ވިސާއާ ނުލާ ބޭސްފަރުވާއަށް އިންޑިއާއަށް ދެވޭގޮތް ހަދާބަލަ. ދެން ބުނާނެ ދެވޭނޭ ރަނގަޅު އެކަންވެސް އޮތީ ޖުހާ ގެވިއްކިގޮތަށް ދެވޭ އެކަމަކު ބޭސްފަރުވާ އެއް ކުރަން ހޮސްޕިޓަލަށްދިޔައީ އެޖެހުނީ ކަންތަކާ އެންމެ ހެޔޮފުޅު އިންޑިއާއިން އެވަރުގެ ކަމެއް ކޮށްދީބަލަ އަޅެ ހެޔޮއެދެންޏާ

  2. އަހުމިއްޓޭ

    ބަލަގަ ސެންޖެން ވިސާ ނުނަގައި އެސަރަހައްދަށް ދަތުރުކުރެވޭނެ ގޮތްހަދާދީބަލަ.

  3. ދީދީ

    ވިސާއާނުލާ ދިވެހިންނަށް އެމެރިކާއަށް ދެވޭނެ ގޮތް ހައްދަވާދެއްވާ