ކަރަންޓު އުފެއްދުމަށް ބޭނުންކުރާ ތެޔޮ ލިބުން ދަތިވުމުގެ ސަބަބުން ލަންކާގެ ބޮޑެތި އިންޖީނުގެތަކުން ރައްޔިތުންނަށް ކަރަންޓު ދިނުން ހުއްޓާލައިފި އެވެ.

ލަންކާގެ ސަޕުގަސްކަންޑާ ޕަވަރ ޕްލާންޓްގައި ކަރަންޓް އުފެއްދުމުގެ މަސައްކަތް ހުއްޓުމަކަށް އައިސްފައިވާކަން ހާމަކުރަމުން އެ ޕްލާންޓުން ބުނީ މިކަން ކުރަން މަޖުބޫރުވެފައި ވަނީ ކަރަންޓު އުފެއްދުމަށް ބޭނުންވާ ތެޔޮ ހުސްވެފައި ވާތީ ކަމަށެވެ.

އަންގާރަ ދުވަހު ސިލޯން އިލެކްޓްރިސިޓީ ބޯޑު (ސީއީބީ)ން ބުނީ ކަރަންޓު ކެނޑުން ހުއްޓުވުމަށް ޓަކައި ޑީސަލް ބޭނުންކޮށްގެން ކަރަންޓު އުފެއްދުމަށް ކުރަންޖެހޭ ހުރިހާ ކަމެއް ކުރަމުން އަންނަ ކަމަށެވެ.

ސީއީބީން އިތުރަށް ބުނީ ސިލޯން ޕެޓްރޯލިއަމް ކޯޕަރޭޝަނުން ކަރަންޓު އުފެއްދުމަށް 900 އެމްޓީގެ ތެޔޮ ޑެލިވަރީ ކުރަން ފަށާފައިވާ ކަމަށެވެ.

ދިވެހިންގެވެސް ބޮޑު އާބާދީއެއް ދިރިއުޅެމުންދާ ލަންކާގައި ކަރަންޓު ކެނޑުމަށް މަޖުބޫރުވެފައި ވަނީ ގައުމުން އެކަމަށް ބޭނުންވާ ތެޔޮ ހުސްވެފައި ވުމުގެ ސަބަބުންނެވެ. ލަންކާ ސަރުކާރުން މީގެ ކުރިން ބުނީ އެގައުމަށް ކުރިމަތިވެފައިވާ ބޭރުފައިސާ ލިބުމުގެ ތާށިކަމާއި ގުޅިގެން ތެޔޮ ގަތުމަށް ސަރުކާރު ނުކުޅެދިފައިވާކަމަށެވެ.

ރާއްޖެ ގޮތަށް ލަންކާއަކީވެސް ފަތުރުވެރިކަމަށް ވަރަށް ބޮޑަށް ބަރޯސާވެފައިވާ ގައުމެކެވެ. ނަމަވެސް ކޮވިޑް-19 ގެ ސަބަބުން އެގައުމުގެ ފަތުރުވެރިކަންވެސް ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ.

ލަންކާ އަކީ އިމްޕޯޓް މުދަލަށް ބަރޯސާވާ ގައުމަކަށްވާއިރު ބޭރު ފައިސާ ލިބުން ދަތިވުމުގެ ސަބަބުން އިމްޕޯޓް ކުރާ ގިނަ މުދަލުގެ އަގުތައްވެސް ވަނީ އެގައުމުގައި އުފުލިފައި އެވެ. އެގޮތުން ކިރާއި، ހަކުރު، ކައްކާ ގޭސް އަދި ސިމެންޓުގެ އަގުތައްވެސް ވަނީ އުފުލިފައި އެވެ.