ކޮވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުން ފިލިޕީންސްގައި މަރުވާ މީހުންގެ އަދަދު ހެލްތު ޑިޕާޓްމެންޓުން އާންމު ކުރާ އަދަދަށްވުރެ ދެގުނަ އިތުރުވެދާނެ ކަމަށް އެގައުމުގެ ސަރުކާރުން ބުނެފިއެވެ.

އޮމިކްރޮން ވޭރިއަންޓްގެ ސަބަބުން އެ އެގައުމުގައި ކޮވިޑް-19 ވޭދަނަތައް އިތުރުވެ، ބަލިމަޑުކަމުގެ އިތުރު ރާޅަކާއި ވަނީ ކުރިމަތިލާން ޖެހިފައެވެ. އެގައުމުގައި ކޮވިޑް-19 ގެ ވޭދަނަތައް ކޮންޓްރޯލް ކުރުމަށް އެގައުމުން ދަނީ މަސައްކަތް ކުރަމުންނެވެ.

ހޯމަ ދުވަހު ފިލިޕީންސްގެ ސްޓެޓިސްޓިކްސް އޮތޯރިޓީ (ޕީއެސްއޭ) އިން ނެރުނު ޕްރިލިމިނަރީ ރިޕޯޓުގައި ވަނީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން އޮކްޓޯބަރު މަހުގެ ނިޔަލަށް ކޮވިޑް-19 ބަލިމަޑުކަމުގެ ސަބަބުން މަރުވި މީހުންގެ އަދަދު 75،285 އަށް އަރާފައިވާ ކަމަށެވެ.

އެހެން ނަމަވެސް 2020 ވަނަ އަހަރު ކޮވިޑް-19 ޖެހިގެން 30،140 މީހުން މަރުވެފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ. އަދި 2021 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ނިޔަލަށް މަރުވި މީހުންގެ އަދަދު ވަނީ 105،425 އަށް އަރާފައެވެ. އެހެން ކަމުން މިއީ ހެލްތް މިނިސްޓްރީން އާންމު ކޮށްފައިވާ ވަރަށްވުރެ އިތުރު އަދަދެކެވެ.

އިއްޔެ ޑިޕާޓްމަންޓް އޮފް ހެލްތު (ޑީއޯއެޗް) އިން ވަނީ ފިލިޕީންސްގައި ކޮވިޑް-19 ޖެހިގެން މަރުވި މީހުންގެ އަދަދު 52،929 އަށް އަރާފައިވާ ކަމަށް ބުނެފައެވެ. ޕީއެސްއޭ އިން ބުނީ ކޮވިޑް މަރުތަކުގެ އަދަދުތައް ރިކޯޑު ކޮށްފައިވަނީ މީހުންގެ މަރުގެ ސެޓްފިކެޓުގައި ސިއްހީ އޮފިޝަލުން ލިޔެފައިވާ ބަޔާންތަކުގެ މައްޗަށް ބަލާފައި ކަމަށެވެ.