ތެލުގެ ދަތިކަން ކުރިމަތިވެ، ޖެނެރޭޓަރުތައް ހިންގާނެ ވަރަށް ޔެތޮ ނުލިބުމުގެ ސަބަބުން ލަންކާގެ ބައެއް އިންޖީނުގެތައް މުޅުން ހުއްޓުމަކަށް އަތުވެއްޖެއެވެ.

ރިޕޯޓުތައް ބުނާގޮތުން މިއަދު މެންދުރު 12 ގެ ފަހުން އެގައުމުގެ ބައެއް ސަރަހައްދުތަކަށް ކަރަންޓުގެ ހިދުމަތެއް ނުލިބެއެވެ. އެގޮތުން، ކެލަނިޓިސާ އިންޖީނުގޭން ކަރަންޓްގެ ހިދުމަތް ދިނުން މުޅިން ހުއްޓުމަކަށް އައިސްފައިވާ ކަމަށް ބުނެފައިވެއެވެ.

ސިލޯން އިލެކްޓްރިސިޓީ ބޯޑް (ސީއީބީ)ގެ އެޑިޝަނަލް ޖެނެރަލް މެނޭޖަރު އަދި މީޑިއާ ސްޕޯކްސްމަން އެންޑްރޫ ނަވާމާނީ ވިދާޅުވީ، ކެލަނިޓިސާ އިންޖީނުގޭގެ ތަރމަލް ޕަވަރ ޕްލާންޓްތައް މުޅިން ހުއްޓުމަކަށް އައިސްފައިވަނީ، ކަރަންޓު އުފެއްދުމަށް ބޭނުންވާ ތެޔޮ ނުލިބުމުގެ ސަބަބުން ކަމަށެވެ.

އިތުރަށް އޭނާ ވިދާޅުވީ ތެޔޮ ނެތުމުގެ ސަބަބުން މިއަދު މެންދުރު 12ގެ ފަހުން އިންޖީނުގެ ނިއްވާލައިފައިވާ ކަމަށެވެ. މި ޕްލާންޓް ހުއްޓިފައި ހުރުމުގެ ސަބަބުން، މިހާރުވެސް ގިނަ ސަރަހައްދުތަކުން ކަރަންޓް ކެނޑުމުގެ މައްސަލަ ދަނީ ކުރިމަތިވަމުންނެވެ.

ސިލޯން ޕެޓްރޯލިއަމް ކޯޕަރޭޝަން (ސީޕީސީ) އިން ޕައިޕްލައިންތައް މެދުވެރިކޮށް ތެޔޮ ލިބުމުގެ މަގުމަތީގައި ހުރި ކަމަށާއި، ތެޔޮ ލިބޭނީ އެންމެ އަވަސްވެގެން ވެސް އިރު އޮއްސޭ އިރަށް ކަމަށް ބުނެފައިވެއެވެ.