ހުޅަނގު އެފްރިކާގައި އޮންނަ ގައުމެއް ކަމަށްވާ ބުރްކީނާ ފާސޯގެ ރައީސް ރޮޗް މާކް ކަބޯރޭ މަގާމުން ދުރުކޮށް އެގައުމުގެ ހުރިހާ ކަމަކާއި ސިފައިން ހަވާލުވެފައިވާކަން ސިފައިން ދެންމެ އިއުލާން ކޮށްފިއެވެ.

ސިފައިން މިފަދަ އިއުލާނެއް ކޮށްފައި މިވަނީ ބުރްކީނާ ފާސޯގެ ރައީސް ރޮޗް މާކް ކަބޯރޭ އާއި އެގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް އަދި ވަޒީރުން ވެސް މިއަދު ހައްޔަރު ކޮށްފައިވާ ކަމަށް މީޑިއާތަކުން ރިޕޯޓް ކޮށްފައި ވަނިކޮށެވެ.

ބުރްކީނާ ފާސޯގެ ސިފައިންގެ ޖެނެރަލެއް ކަމަށްވާ ލެފްޓިނަންޓް ކާނަލް ޕޯލް ހެންރީ ސަންޑައާގޯ ޑިމީބާ ދެންމެ އެގައުމުގެ ޓީވީ މެދުވެރިކޮށް އިއްވި ސިފައިންގެ ބަޔާނެއްގައި ވިދާޅުވީ ރައީސް ރޮޗް މާކް ކަބޯރޭ މަގާމުން ދުރުކޮށް ގާނޫނު އަސާސީ ސަސްޕެންޑްކޮށް ސަރުކާރާއި ގާނޫނު ހަދާ މަޖިލިސް އުވާލައި ގައުމުގެ ބޯޑަރު ވެސް މިހާރު ސިފައިން ބަންދުކޮށްފައިވާ ކަމަށެވެ.

ލެފްޓިނަންޓް ކާނަލް ޕޯލް ހެންރީ އިތުރަށް ވިދާޅުވީ ސިފައިންގެ ކޮންޓްރޯލްގެ ދަށަށް ގައުމު ގެނެސްފައި ވަނީ އެއްވެސް ހަމަނުޖެހުމެއް ހިންގުމަކާއި ނުލައި ކަމަށާއި ހައްޔަރު ކޮށްފައި ތިބި މީހުން ވެސް ތިބީ ރައްކާތެރި ތަނެއްގައި ކަމަށެވެ.

ބުރްކީނާ ފާސޯގެ ރައީސް ރޮޗް މާކް މިހާރު ހުންނެވި ތަނެއް ސިފައިން ހާމައެއް ނުކުރެއެވެ.

ރޮޗް މާކްގެ ގަނޑުވަރު ކައިރީގައި ބަޑީގެ ހަމަލާތަކެއް ރޭ ބަދަލު ކޮށްފައިވާ ކަމަށް މިއަދު މީޑިއާތަކުން ރިޕޯޓް ކޮށްފައި ވެއެވެ. އެހަމަލާތަކަށް ފަހު ރޮޗް މާކްގެ ޕާޓީން ބުނީ ރައީސް އަވަހާރަކޮށްލަން ދިން ހަމަލާއަކުން އެމަނިކުފާނު ސަލާމަތްވެ ވަޑައިގެންފައިވާ ކަމަށެވެ. ނަމަވެސް އިތުރު އެއްވެސް ތަފްސީލެއް ދީފައެއް ނުވެއެވެ.

އެފްރިކަން ޔޫނިއަން އާއި ވެސްޓަން އެފްރިކަން އިކޮނަމިކް ކޮމިއުނިޓީން ވަނީ ބުރްކީނާ ފާސޯގެ ސިފައިން ގެނައި ބަޣާވާތް ކުށްވެރިކޮށް މިއަދު ބަޔާނެއް ނެރެފައެވެ.

ބުރްކީނާ ފާސޯ އަށް 2015 ވަނަ އަހަރު ވެސް ސިފައިން ބަޣާވާތެއް ގެނައެވެ. ނަމަވެސް އެފަހަރު ބަޣާވާތް ގެނައި ސިފައިން ވަނީ ވެރިކަމުގެ ބާރުތައް ވަރަށް އަވަހަށް ދޫކޮށްލުމަށް ފަހު އެގައުމުގައި އޮތް މަދަނީ ސަރުކާރާއި އަލުން ވެރިކަން ހަވާލު ކޮށްފައެވެ. ސެޕްޓެމްބަރ މަހު ގެނައި ބަޣާވާތައް ފަހު ރޮޗް މާކް ވެރިކަމަށް އައީ ނޮވެމްބަރ މަހު އޮތް އިންތިހާބު ކާމިޔާބު ކުރައްވައިގެންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ސިފައިންގެމީހާ

    ލެފްޓިނެންޓް ކަމަކީ ސިފައިންގެ ޖެނެރަލަކަށް ވީ ކޮން އިރަކުން ފެށިގެން ތޯ؟ ދުނިޔޭގެ އެއްވެސް ގައުމެއްގައި މިގޮތައް މިކަން ބަލަން ނޭންގޭތީ އަހާލެވުނީ. ކޮބާތަ މި ހަބަރުގެ މަސްދަރު.