ސީރިޔާގެ ސަރުކާރުގެ ސަލާމަތީ ބާރުތަކުން މިއަދު ވަނީ އެގައުމުގެ ދަރާ ޕްރޮވިންސު އަނބުރާ އެގައުމުގެ އަސްކަރިއްޔާގެ ބާާރުގެދަށަށް ގެނެސްފައެވެ. މިދިޔަ ޖޫން މަހު ނަވާރަވަނަ ދުވަހުއްސުރެ ރަޝިޔާ އާގުޅިގެން ސީރިޔާގެ އަސްކަރިއްޔާއިން ދަރާ ޕްރޮވިންސް ވަށާ ދެމުން ގެންދިޔަ ހަމަލާތަކުގެ ނަތީޖާއެއްގެ ގޮތުން އެ ސަރަހައްދުގައި ހިމެނޭ ވަރަށް ގިނަ ބިންތައް ވެސް ވަނީ ހިފާފައެވެ.

ސީރިޔާ ސަރުކާރުގެ މީޑިޔާތަކުން ބުނާ ގޮތުގައި ސީރިޔާގެ އަސްކަރިއްޔާ އިން ވަނީ އެ ގައުމުގެ ގައުމީ ދިދަ ދަރާ ޕްރޮވިންސުގެ އިރުމަތީ ފަރާތުގައިވާ ރަށް ކަމުގައިވާ ތަފާސްގައި އުފުލާފައެވެ. އަދި ސަރުކާރާ ދެކޮޅު ބާރުތަކުން ވަނީ ސަލާމަތާއެކު، އެމީހުންގެ ބާރުގެ ދަށުގައި ވާ ސީރިޔާގެ އުތުރުގެ ސަރަހައްދުތަކަށް ދިޔުމުގެ މަގެއް ހޯދައިދިނުމުގެ ބަދަލުގައި ދަރާ ޕްރޮވިންސުގައި އާމާން ދީ ސީރިޔާގެ އަސްކަރިއްޔާ އާ އެތަން ހަވާލުކުރުމަށް ނިންމާފައެވެ.

ދަރާ ޕްރޮވިންސުގައި ދިިރިއުޅެމުން ދިޔަ އެތަށް އާންމުންނެއް ވަނީ އެ ސަރަހައްދު ދޫކޮށް އެހެން ސަރަހައްދުތަކަށް ގޮސްފައެވެ. އެގޮތުން އަލިފްދާލުން ހާމަކުރި ގޮތުގައި 234،000 އާންމުން ވަނީ ހަމަލާތަކުގެ ސަބުން ދަރާ ދޫކޮށް ގޮސްފައެވެ. މީގެތެރެއިން %70 މީހުން ވަނީ ރެފިއުޖީންގެ ގޮތުގައި އަވަށްޓެރި ކިއުނެއިތްރާ ޕްރޮވިންސަށް ހިޖުރަކޮށްފައެވެ.

ދަރާ ޕްރޮވިންސަކީ ސީރިޔާގައި 2011 ވަނަ އަހަރު އެގައުމުގެ ސަރުކާރާ ދެކޮޅަށް އުފެދުނު ހަމަނުޖެހުންތަށް އުފެދުނު ސަރަހައްދުވެސްމެއެވެ. އެގޮތުން މީގެ 7 އަހަރު ކުރިން އެސަރަހައްދުގައި އުފެދުނު ސަރުކާރާ ދެކޮޅު ފިކުރުގެ ސަބަބުން ދިމާވި ހަމަނުޖެހުންތަކާއި އުފެދުނު ޓެރަރިސްޓު ޖަމާއަތްތަކުގެ ސަބަބުން މިއަދާ ހަމައަށް 350،000 އަށްވުރެ ގިނަ އާންމުން ވަނީ މަރުވެފައެވެ. އަދި 11 މިލިޔަން ސީރިޔާގެ ރައްޔިތުން ވަނީ އެމީހުންގެ ގެތަކާއި ގައުމު ދޫކޮށް ގޮސްފައެވެ.