ޕާކިސްތާނުގެ ޕެޝާވަރުން އަބަދު ކަރަންޓު ކެނޑޭތީ ރައްޔިތުން މުޒާހަރާ ކުރަން ފަށައިފިއެވެ.

މި މުޒާހަރާގައި ޕާކިސްތާނުގެ ޚައިބަރު ޕަޚްތުންޚުވާ ޕްރޮވިންސްގެ އެތައް ސަތޭކަ ބަޔަކު ވަނީ ބައިވެރިވެފައެވެ. މުޒާހަރާގެ ބައިވެރިންގެ އެންމެ ބޮޑު ޝަކުވާ އަކީ ކަރަންޓު ފޯރުކޮށްދިނުމުގެ ހިދުމަތްދޭ ފަރާތްތަކުން މައްސަލަ ހައްލު ކުރަން އެއްވެސް މަސައްކަތެއް ނުކުރާ ކަމުގެ ޝަކުވާއެވެ.

ކަރަންޓުގެ ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކާއި ދެކޮޅަށް ޕެޝާވަރުގައި އެއްވުމެއް ބާއްވައި، ހަލާކުވެފައިވާ ސަޕްލައި ލައިންތައް މަރާމާތު ކުރުމަށް މުޒާހަރާގެ ބައިވެރިން ޑިމާންޑްކޮށްފައިވާ ކަމަށް މީޑިއާ ރިޕޯޓެއްގައި ބުނެފައި ވެއެވެ.

ޕެޝާވަރު އިލެކްޓްރިކް ސަޕްލައި ކޮމްޕެނީ (ޕީއީއެސްސީއޯ) ގެ އޮފިޝަލުންގެ ފަރުވާ ކުޑަކަމުގެ ސަބަބުން ޕެޝާވަރުގެ އެކި ހިސާބުތަކުން އަބަދުވެސް އެކި ވަގުތުތަކުގައި ކަރަންޓު ކެނޑެމުންދާއިރު މިކަން ހައްލުނުކުރެވެނީ އެފަރާތްތަކުން ފުރިހަމައަށް ޒިންމާ އަދާނުކުރެވޭތީ ކަމަށް ރައްޔިތުން ދަނީ ގޮވަމުންނެވެ.

މި މުޒާހަރާގެ އިސްކޮށް ބައިވެރިވި ފަރާތެއް ކަމަށްވާ ޕްރޮވިންޝަލް އެސެމްބްލީގެ މެމްބަރު ފަހީމް ޚާންއާ ހަވާލާދީ ޑޯން ނޫހުން ބުނެފައިވާ ގޮތުގައި އެ ހިސާބުގެ ރައްޔިތުންނަށް ދިގު މުއްދަތަކަށް ކަރަންޓު ފޯރުކޮށްދީފައި ނުވުމުގެ ސަބަބުން ގިނަ ދަތިތައް ތަހައްމަލް ކުރަން ޖެހިފައިވާ ކަމަށެވެ.

ޚާން ބުނި ގޮތުގައި ޕީއީއެސްސީއޯގެ ވެރިޔާއާއެކު ބައްދަލުވުމެއް ބާއްވައި ޑިމާންޑްތަކުގެ ލިސްޓެއް އޭނާއަށް އަރުވާފައިވާ ކަމަށެވެ. ޕީއީއެސްސީއޯއިން ބުނީ ކަރަންޓް މެދުކަނޑާލި މައިގަނޑު ސަބަބަކީ 80 އާއި 95 އިންސައްތައާ ދެމެދުގެ ލައިން ލޮސްތަކެއް ފެންމަތިވެފައިވާތީ އެކަން ހައްލުކުރުމަށް ކަމަށެވެ.

އަދި ސަޕްލައި ލައިންތަކާއި ޓްރާންސްފޯމަރުތަކަށް މިކަމުގެ ސަބަބުން ގެއްލުންވެފައިވާކަމަށް އޭނާ ވިދާޅުވިއެވެ. މީގެ މައިގަނޑު ސަބަބަކީ އޯވަލޯޑްވުން ކަމަށް ވެސް ޕީއީއެސްސީއޯގެ ތަރުޖަމާނު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު