ރަޝިޔާގެ ރައީސް ވްލަޑިމަރ ޕޫޓިންގެ އެއް އަތް ގޮތުގައި ގިނަ ބަޔަކު ސިފަކުރަމުން އަންނަ ޗެލްސީ ފުޓްބޯޅަ ކްލަބުގެ އޯނަރު ރޯމަން އަބްރަމޮވިޗް މީގެ ފަހުން އިނގިރޭސިވިލާތުގައި ދިރިއުޅުން މަނާކޮށްފިއެވެ.

ރަޝިޔާ އިން ޔޫކުރެއިންގެ އެކި ހިސާބުތައް ހިފައި، ހަމަލާދެމުން ދާ މި ދަނޑިވަޅުގައި ޔޫކުރެއިން އަށް ވާގިވެރިވާ ގައުމުތަކުން ދަނީ ރަޝިޔާގެ ސިޔާސީ ލީޑަރުންނާއި އެގައުމުގެ ބޭންކުތަކާއި ޕޫޓިން އާއި ގުޅުން އޮންނަ ގިނަ ބަޔަކަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅަމުންނެވެ.

ދުނިޔޭގެ އެންމެ މުއްސަނދި ބިލިއަނަރުންގެ ލިސްޓުގައި ހިމެނޭ ރޯމަން އަބްރަމޮވިޗް 2003 ވަނަ އަހަރު އިންގްލޭންޑުގެ ޗެލްސީ ފުޓްބޯޅަ ކްލަބު ގަތުމަށް ފަހު ގިނަގުނަ ކާމިޔާބީތަކެއް ހޯދައިދީފައިވެއެވެ. މިގޮތުން އެ ކްލަބަކީ ޗެމްޕިއަންސް ލީގުގެ އެންމެ ފަހުގެ ޗެމްޕިއަނުން ކަންވެސް ފާހަގަކޮށްލެވެއެވެ.

ޕޫޓިން އާއި އަބްރަމޮވިޗް އާއި އޮންނަނީ ބައްޕަ އަކާއި ދަރިއެއްގެ ދެމެދުގައި އޮންނަ ގުޅުން ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓު ކުރާއިރު މި ދެމީހުން ހިއްސާވެގެން ހިންގާ އެތައް ވިޔަފާރި އެއްވެސް އޮވެއެވެ.

އަބްރަމޮވިޗް އަކީ ޕޫޓިންގެ ގާތް މީހެއްކަން މީގެ ކުރިން ފަޅައި އަރައި، އިނގިރޭސިވިލާތުގެ ވިސާ ނުލިބުމުން އޭނާ ވަނީ އިސްރޭލުގެ ވަޒަންވެރިކަން ހޯދައި އިނގިރޭސިވިލާތުގައި ދިރިއުޅެފައެވެ. ކޮންމެ 6 މަހަކުން އިޒްރޭލު ޕާސްޕޯޓުގެ ދަށުން އޭނާ ވިސާ އައުކޮށް އެގައުމުގައި ގިނަ ދުވަސްތަކެއް ހޭދަކުރަމުން އައިއިރު އޭނާގެ ނަމުގައި 200 މިލިއަން ޕައުންޑުގެ އަގުހުރި ގެތައް އަދިވެސް އިނގިރޭސިވިލާތުގައި އެބަހުއްޓެވެ.

ޔޫކްރޭން އާއި ރަޝިޔާގެ ކޯޅުމުގެ ސަބަބުން ޗެލްސީގެ އޯނަރަށް އިނގިރޭސިވިލާތަށް އެތެރެވުމުގައި މީގެ ފަހުން ގިނަ ހުރަސްތަކެއް ކުރިމަތިވެގެން ދާނެއެވެ.

ރަޝިޔާ އިން މިހާރު ވެސް ގެންދަނީ ޔޫކްރޭނުގެ އެކި ހިސާބުތަކަށް މިސައިލް ހަމަލާތައް ދީ އެ ގައުމުގެ އެތައް ބަޔަކު މަރަމުންނެވެ.