ޖަޕާނަށް ކުރި ވިއްސާރަޔަށްފަހު އަނެއްކާވެސް ގުދުރަތީ ކާރިސާއެއް ހޫނުގެ ސިފައިގައި ޖަޕާނަށް ކުރިމަތިވެއްޖެއެވެ. އެގޮތުން ގަދަ ހޫނުގެ ސަބަބުން ޖަޕާނުގެ އާންމުންގެ 8 މީހުން ވަނީ މަރުވެފައެވެ. ޖަޕާނުގެ ކިޔޯޑޯ ނިއުސް އިން ރިޕޯޓު ކުރި ގޮތުގައި ޖަޕާނުގެ އެތައް ހާސް އާންމުންނެއް ދަނީ ގަދަ ހޫނުގެ ސަބަބުން ސިއްހީ އެހީތެރިކަން ހޯދަމުންނެވެ.

28 ޖޫން އިން ފެށިގެން މިމަހުގެ 9 އަކާ ހަމަޔަށް ޖަޕާނުގައި ކުރި ބޯ ވިއްސާރަޔާއި ފެންބޮޑުވުންތަކާއެކު ދިމާވި ބިންގަނޑު ކަނޑައިގެންދިޔުމުގެ ހާދިސާތަކުގެ ސަބަބުން 209 މީހުންވަނީ މަރުވެފައެވެ. އަދި 19 މީހުން ވަނީ ވީނުވީއެއް ނޭނގި ވިއްސާރަޔާއެކު ގެއްލިފައެވެ. ގަދަ ހޫނާއެކު ޖަޕާނަށް ކުރިމަތިވެފައިވާ ހީޓް ވޭވް އެންމެ ބޮޑަށް އަސަރު ކުރަމުންދަނީވެސް ވާރޭގެ ސަބަބުން ބޮޑެތި ގެއްލުންވެފައިވާ ސަރަހައްދުތަކަށެވެ. އެހެންކަމުން ދިމާވެފައިވާ ގުދުރަތީ ކާރިސާތަކުން އަރައިގަތުމަށް ޖަޕާނަށް ވެގެންދާނީ ވަރަށް ބޮޑު ގޮންޖެހުމަކަށެވެ.

ވިއްސާރައިގެ ސަބަބުން ޖަޕާނުގެ އެތަށް ސަރަހައްދެއްގައި ވަނީ ފެނާއި ކަރަންޓު ކަނޑައިގެން ގޮސްފައެވެ. އެގޮތުން މިފަދަ ދަނޑިވަޅެއްގައި ފެނާއި ކަރަންޓު ނެތި ހޫނުން ސަލާމަތްވުމަށް އެސަރަހައްދުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ވަރަށްގިނަ އުނދަގޫތަކަކާ ކުރިމަތިލާން ޖެހޭނެއެވެ. ނަމަވެސް އެތަށް ހާސް ބަޔަކަށް މިހާރު ދަނީ އެއާ ކޮންޑިޝަން ކޮށްފައިވާ އިވެކިއުއޭޝަން ސެންޓަރުތަކުގައި ހިދުމަތް ދެމުންނެވެ. އަދި ވިއްސާރައިގައި ގެއްލުނު މީހުން ހޯދުމަށް ޖަޕާނުގެ 64،000 އޮފިޝަލުންދަނީ މަސައްކަތް ކުރަމުންނެވެ.

މި ހާދިސާ ތަކަކީ މި އަހަރުތެރޭ ޖަޕާނުގައި ދިމާވި މޫސުމާ ގުޅޭ އެންމެ ނުރައްކާތެރި ހާދިސާތައްވެސްމެއެވެ. އަދި ޖަޕާނުގެ ތާރީހުގައި ދެވަނައަށް އެންމެ ނުރައްކާތެރި ފެންބޮޑުވުން ކަމުގައިވެސް މިހާދިސާވަނީ ވެފައެވެ.