ރަޝިއާ ސިފައިން ޔޫކްރެއިނަށް އަރާ ކުރަމުންދާ ހަނގުރާމައިގައި އެ ގައުމުގެ އަވަށެއް ކަމަށްވާ ބޮރޮޑްޔަންކާ ގާތްގަނޑަކަށް ސުންނާފަތިވެފައިވާ ކަމަށް ޔޫކްރެއިނުން ބުނެފިއެވެ.

ޔޫކްރެއިންގެ ވެރިރަށް ކިއޭވްގެ ރީޖަނަލް ސްޓޭޓް އެޑްމިނިސްޓްރޭޝަން އޮލެކްސީ ކްލެބާ ވިދާޅުވީ އެ އަވަށް މިހާރު އޮތީ ވަރަށް ހާލުގައި ކަމަށެވެ. އެގޮތުން ފެން ލިބޭނެ ގޮތެއް ނެތް އިރު ކަރަންޓެއް ވެސް ނެތް ކަމަށާއި އެ އަވަށް އޮތީ އެއްކޮށް ހެން ހަލާކުވެފައި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"ފެނާއި ކަރަންޓެއް ނެތް، ބޮރޮޑްޔަންކާއެއް ނެތް. އެ ތަން ވަނީ ގާތްގަނޑަކަށް ސުންނާފަތިވެފައި." ޔޫކްރެއިންގެ ކުޑަ އަވަށުގެ ހާލަތު ސިފަ ކުރައްވައި އޮލެކްސީ ކްލެބާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި އެ އަވަށުގެ ކޮންޓްރޯލް ރަޝިއާގެ ސިފައިން ވަނީ ނަގައިފައެވެ. އަދި އެ ތަނުގައި ޔޫކްރެއިންގެ އެއްވެސް ބާރެއް މިހާރު ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.

ކްލެބާ ވިދާޅުވި ގޮތުގައި ރަޝިއާ ސިފައިން މިއަދު ވަނީ ސައިކޭޓްރިކް ހޮސްޕިޓަލެއް، އެމީހުންގެ ކޮންޓްރޯލްގެ ދަށަށް ގެންގޮސްފައެވެ. އެތަނުގައި އެތައް ސަތޭކަ ބަލި މީހުން ތިބި ކަމަށް އޭނާ ވިދާޅުވިއެވެ. އެކަމަކު، ފަހުން އެ ހޮސްޕިޓަލް ދޫކޮށް ރަޝިއާ ސިފައިން ދިޔަ ކަމަށް އޭނާ ވިދާޅުވިއެވެ.

އެކަމަކު، އެ އަވަށުގެ ހުރިހާ ސަރަހައްދެއްގައި ހެން ރަޝިއާ ސިފައިން ތިބި ކަމަށް ކްލެބާ ވިދާޅުވިއެވެ.

"ގިނަ މީހުންނަކީ ބަލި މީހުން. އެއީ ހާއްސަ އެހީ ބޭނުންވާ ބައެއް. އެއީ އަހަރުމެންގެ ބައެއް، އެމީހުން ދޫކޮށްލާފައި ދެވޭނެ ގޮތެއް ނޯންނާނެ،" ކްލެބާ ވިދާޅުވިއެވެ.

ކްލެބާ ވިދާޅުވީ އެ މީހުން މިއަދު ގެންދާނެ ވަކި ތަނެއް ނެތް އިރު، އެމީހުންނަށް އެހީތެރިވެވޭނެ ގޮތެއް ވެސް ނެތް ކަމަށެވެ. އަދި އެ ބަލި މީހުންނަށް ބޭނުންވާ ފެނާއި ބޭސް ފަދަ ތަކެތި ހުސްވަމުންދާތީ ކްލެބާ ވަނީ ކަންބޮޑުވުން ފާޅު ކުރައްވައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަޙްމަދް

    ހަނގުރާމަ ކުރަނީ ސުއްނާފަތި ކުރާށެވެ.
    ސިޔާސީ ޖާހިލުންގެ އަތްމައްޗަށް ޤައުމެގެ ލަގަން ދޫވެއްޖެނެމަ ނަތީޖާ އަކީ ތިޔައީއެވެ.