އީރާނަށް އެމެރިކާ އިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާ ގުޅިގެން، އެމެރިކާ ގޮވައިގެން ބައިނަލްއަޤުވާމީ އަދުލު އިންސާފުގެ ކޯޓު (އައިސީޖީ) އަށް ދާނެކަމަށް އީރާނުން ހާމަކޮށްފިއެވެ. އީރާނުގެ ފޮރިން މިނިސްޓަރު މުޙައްމަދު ޖަވާދު ޒާރިފު ވިދާޅުވެފައިވަނީ، އެމެރިކާ އިން އެފިޔަވަޅުތައް އަޅާފައިވަނީ، ޤާނޫނުތަކާ ޚިލާފަށްކަމަށެވެ.

އެޤައުމުގެ ފޮރިން މިނިސްޓަރު އިއްޔެ ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ މިހާރު މި މައްސަލަ އައިސީޖީ އަށް ހުށަހަޅާފައިވާކަމަށެވެ. އަދި، އެމެރިކާ އިން، ޑިޕްލޮމެސީ އާއި ދޭދޭ ޤައުމުތަކުގެ މެދުގައި ޢަމަލުކުރުމަށް ކަނޑައަޅާފައިވާ ޤަވާއިދުތަކާއި ޤާނޫނުތަކަށް ފުރިހަމައަށް ބޯލަނބަން ޖެހޭނެކަމަށެވެ.

އީރާނުން ބައިނަލްއަޤުވާމީ ކޯޓަށް މައްސަލަ ހުށަހަޅާފައިވަނީ، އެމެރިކާއާއެކު އެޤައުމުން ވެފައިވާ އެއްބަސްވުމަކާ ޚިލާފުވެ، އީރާނަށް އަލުން ދަތިކުރުމުގެ ފިޔަވަޅުތައް އަޅަން ނިންމުމުންނެވެ. މީގެކުރިން، އެމެރިކާ ހިމެނޭ ގޮތަށް ދުނިޔޭގެ ބާރުތަކާއެކު އީރާނުންވަނީ އެއްބަސް ވުމެއްވެފައެވެ. އެއީ ޖޮއިންޓް ކޮމްޕްރިހެންސިވް ޕްލޭން އޮފް އެކްޝަން (ޖޭސީޕީއޯއޭ) ނުވަތަ އާއްމު ނަމުން އީރާނުގެ ނިއުކްލިޔާ ޑީލެވެ.

ވިއެނާގައި ސޮއިކޮށްފައިވާ މި އެއްބަސްވުމުގެ ދަށުން، އީރާނުން ނިއުކްލިޔާ ހަތިޔާރުގެ ބާރުވެރިކަން އިތުރުކުރުމަށް ކުރަމުންދާ މަސައްކަތްތައް މަޑު ޖައްސާލަން ޖެހެއެވެ. ހަމައެހެންމެ، އެޤައުމާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވާ ޤައުމުތަކުންވެސް، މިކަމުގައި ލުޔެއް ދޭން ޖެހެއެވެ.

އެހެންނަމަވެސް، މި އެއްބަސްވުމުން ވަކިވެ، އީރާނުގެ އެންމެ މުޙިއްމު އިޤުތިޞާދީ ސިނާއަތްތަކަށް ގެއްލުން ލިބޭގޮތަށް ދަތިކުރުމުގެ ފިޔަވަޅު އަޅަން އެމެރިކާއިން ނިންމާފައިވެއެވެ. އެމެރިކާގެ ފިޔަވަޅުތަކާއެކު އީރާނުގެ ހަކަތައާއި ޕީޓްރޯކެމިކަލް އަދި މާލީ ސިނާއަތަށް އެތައް ގެއްލުމެއް ލިބޭނެއެވެ. އެހެންކަމުން، އެޤައުމުގެ ފުދުންތެރިކަމަށާއި އާއްމުންނަށް އެތަކެއް ގެއްލުންތަކެއް ލިބޭނެއެވެ.

ހަމައެހެންމެ، އެކަންތައްތަކާ ގުޅިގެން ދެ ޤައުމުގެ ދެމެދުގައި ހޫނު ބަހުގެ ހަމަލާތަކެއްވެސް ބަދަލުކޮށްފައިވެއެވެ.

އެމެރިކާ އިން، އެއްބަސްވުމުން ވަކިވިކަމުގައިވިޔަސް، އެއްބަސްވުމުގައި ދެން ސޮއިކޮށްފައިވާ ރަޝިޔާ، ޗައިނާ، އިނގިރޭސިވިލާތް، ޖަރުމަންވިލާތް، ފަރަންސޭސިވިލާތް އަދި ވިލާތު އިއްތިޙާދު (އީޔޫ) އިން ދަނީ އެއްބަސްވުމަށް ޢަމަލު ކުރަމުންނެވެ.