ސްރީލަންކާގެ ރައީސް ގޯޓާބަޔަ ރާޖަޕަކްސަ އިސްތިއުފާ ދެއްވުމުގެ ވިސްނުމެއް ނުގެންގުޅުއްވާ ކަމަށް ރައީސްގެ މީޑިއާ ޑިވިޝަނުން ބުނެފިއެވެ.

ރައީސްގެ ތަރުޖަމާނު ކިންގްސްލީ ރަތުނަޔަކަ އިއްޔެ ވިދާޅުވީ، ރައީސް އިސްތިއުފާ ދެއްވަން އުޅޭ ކަމަށް މީސް މީޑިއާގައި ދެކެވޭ ވާހަކަތަކަކީ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށެވެ.

ރައީސްގެ ތަރުޖަމާނު މިފަދައިން ވިދާޅުވެފައިވަނީ، ލަންކާއަށް މިހާރު ކުރިމަތިވެފައިވާ އިގުތިސޯދީ ކާރިސާއާ ގުޅިގެން ރައީސް މަގާމުން ދުރަށް ވަޑައިގަތުމަށް ގޮވާލާ އަޑުތައް ގަދަވެފައިވާ ދަނޑިވަޅެއްގައެވެ.

މިދިޔަ އަންގާރަ ދުވަހު ކޮލަމްބޯގައި ހުންނަ ރައީސް އޮފީހުގެ ބޭރުގައި އިދިކޮޅު ޕާޓީ، ޔުނައިޓެޑް ޕީޕަލްސް ފޯސްގެ ސަޕޯޓަރުން ހިމެނޭހެން އެތައް ހާސް ބަޔަކު ވަނީ އެއްވެ އަޑުގަދަ ކޮށްފައެވެ.

މުޒާހަރާގެ ބައިވެރިން ތުހުމަތުކުރާ ގޮތުގައި ފޮރިން އެކްސްޗޭންޖް ކްރައިސިސްއެއް އުފެދި، ތެލާއި، ކައްކާ ގޭހާއި، މިލްކް ޕައުޑަރު އަދި ބޭސް ފަދަ ޒަރޫރީ ބޭނުންތައް ލިބުމުގައި ދަތިތަަކާއި ކުރިމަތިލާން ޖެހިފައިވަނީ ސަރުކާރުން ރަނގަޅަށް އިގްތިސާދު މެނޭޖް ނުކުރުމުގެ ސަބަބުންނެވެ.
ލަންކާގެ ބޭރު ފައިސާގެ ރިޒާވް އެންމެ ޒަމާނީ ފެންވަރުގައި ދަށްވެފައި ވާތީ، އިމްޕޯޓަށް ފައިސާ ދެއްކުމަށް ދަނީ ފިއްތުންތައް ކުރިމަތި ކުރަމުންނެވެ. އޭގެއިތުރުން، އެގައުމުގައި ތެލުގެ ދަތިކަން ކުރިމަތިވެ، އެތެރޭގެ ދަތުރުފަތުރު ހުއްޓުމަކަށް އައިސް، ދުވާލެއްގެ މައްޗަށް އެތައް ގަޑިއިރެއް ވަންދެން ކަރަންޓް އެކި ހިސާބުތަކުން އަންނަނީ ކަރަންޓު ކަނޑަމުންނެވެ.