ސްރީލަންކާގެ ސަރުކާރުން އެ ގައުމުގެ މީސް މީޑިއާ ބްލޮކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

މީސް މީޑިއާގެ ތަޖުރިބާކާރެއް ކަމަށްވާ ޑރ. ސަންޖަނާ ހަޓޮޓުވާ ވިދާޅުވީ ފޭސްބުކް، ވަޓްސްއެޕް، ޓުވިޓާ އަދި ޔޫޓިއުބް ބޭނުން ކުރުމުގައި ވެސް ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށެވެ.

ލަންކާ ސަރުކާރުން މިކަން ކުރީ ލަންކާގައި ބާއްވަން އުޅޭ ބޮޑު މުޒާހަރާ އަށް ހުރަސް އެޅުމުގެ ގޮތުން ކަމަށް ރިޕޯޓުތައް ބުނެއެވެ.

ލަންކާގައި ބޭނުންކުރާ މޯބައިލް ފޯނުތަކަށް ފޮނުވި މެސެޖެއްގައި ވަނީ މީސް މީޑިއާ ބްލޮކްކޮށްފައި ވަނީ ޓެލެކޮމިއުނިކޭޝަންސް ރެގިއުލޭޓަރީ ކޮމިޝަނުން އަންގައިގެން ކަމަށެވެ. މީސް މީޑިއާ ބްލޮކްކުރި ނަމަވެސް ވީޕީއެންގެ އެހީގައި ބައެއް މީހުން ދަނީ ފޭސްބުކް ފަދަ އެޕްލިކޭޝަންތައް ބޭނުން ކުރަމުންނެވެ.

ލަންކާގެ ރައީސް ގޮތަބަޔަ ރާޖަޕަކްސަ ގެ ކައިރީގައި ކުރި މުޒާހަރާ ހަމަނުޖެހުމަކަށް ބަދަލުވިތާ އެއް ދުވަސް ފަހުން އެ ގައުމުގެ ރައީސް ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރައްވައިފައެވެ. އަދި އިއްޔެ އިރުއޮއްސި 6 އިން މާދަމާ ހެނދުނަށް 36 ގަޑިއިރުގެ ކާފިއު އިއުލާންކޮށްފައިވެއެވެ.

ލަންކާގެ އިގްތިސާދީ ހާލަތު އާދަޔާ ހިލާފަށް ދަށްވުމާ ގުޅިގެން ރައްޔިތުން ވަނީ މަގުތަކަށް މުޒާހަރާ އަށް ނުކުމެފައެވެ. މުޒާހަރާ އަށް ނިކުތް މީހުން ސަލާމަތީ ބާރުތަކުގެ ވެހިކަލްތަކުގައި ވަނީ ހުޅު ޖަހައިފައެވެ.

އެތައް ގަޑިއިރެއް ވަންދެން ކަރަންޓު ލިބުމުން މަހްރޫމްވެ ތެލާއި ކާބޯތަކެއްޗާއި ބޭސް ލިބުން ދަތިވުމުގެ ސަބަބުން ލަންކާ ސަރުކާރާ ދެކޮޅު ރައްޔިތުންގެ އަދަދު ވަނީ ވަރަށް ބޮޑަށް ގިނަވެފައެވެ.

ލަންކާގެ ރައީސް ގޮތަބަޔަ ރާޖަޕަކްސަ ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް މަގުތަކަށް ސިފައިން ނެރެފައެވެ. ކޯޓު އަމުރެއް ނެތި މީހުން ހައްޔަރުކުރުމުގެ ބާރު ސިފައިންނަށް ވަނީ ދީފައެވެ.

ލަންކާގައި ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށްފައި މިވަނީ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކޮށް ގާނޫނު ނަގަހައްޓައި އާންމު ހިދުމަތްތަކާއި މުދާ ފޯރުކޮށް ދިނުމުގައި ދެމިތިބުމަށް ކަމަށްވެއެވެ.