ފްރާންސްގެ ވެރިރަށް ޕެރިހުން ފުރައިގެން މިސްރުގެ ގާހިރާއަށް 2016 ވަނަ އަހަރު ދަތުރުކުރި އިޖިޕްޓް އެއަރގެ ފްލައިޓް އެމްއެސް804 ވެއްޓުނު ހާދިސާއަކީ ނިރުބަވެރި އަމަލެއްގެ ގޮތުގައި މިސްރުގެ ކަމާބެހޭ ފަރާތްތަކުން އެންމެ ފުރަތަމަ ސިފަކުރި ނަމަވެސް، އެ ހާދިސާ ހިނގާފައި ވަނީ ޕައިލެޓަކު ސިނގިރޭޓެއް ބޯން އުޅުމުގެ ސަބަބުން ކަމަށް ތަހުގީގަށް ސާބިތުވެއްޖެއެވެ.

ކްރީޓް އާއި މިސްރުގެ އުތުރުގެ އައްސޭރިފަށުގެ މެޑިޓެރޭނިއަން ކަނޑަށް މެއި 19، 2016 ބި ބޯޓު ގެއްލުނުއިރު، މި ޖެޓުގައި 66 ފަސިންޖަރުންނާއި ފަޅުވެރިން ދަތުރުކުރިއެވެ. އެހާދިސާގައި އެ ބޯޓުން ދަތުރު ކުރި އެންމެން ވެސް ވަނީ މަރުވެފައެވެ. ވެއްޓުނު މި ބޯޓު ހޯދުމަށް އެއް މަސް ދުވަސް ހޭދަވިއެވެ.

މިސްރުގެ އިންވެސްޓިގޭޓަރުން ފުރަތަމަ ބުނީ ފްލައިޓުގެ ހާދިސާގައި މަރުވި މީހުންގެ ހަށިގަނޑުތަކުން ބޮން ގޮއްވާލި ކަމުގެ ނިޝާންތަކެއް ފެނިފައިވާ ކަމަށެވެ. ގާހިރާގެ ޕްރޮސެކިއުޓާ ޖެނެރަލް ދައުލަތުގެ ސަލާމަތީ ކަންކަން އަވަސް ތަހުގީގެއް ކުރުމަށް އަމުރު ކުރެއްވިއެވެ. ނަމަވެސް އޭގެ ހޯދުންތައް އެއްވެސް އިރެއްގައި އާންމު ކޮށްފައެއް ނުވެއެވެ.

ފަރަންސޭސި ތަޖުރިބާކާރުން އެކުލަވާލައި ޕެރިސް ކޯޓް އޮފް އެޕީލްއަށް ފޮނުވާފައިވާ 134 ސަފުހާގެ ސިއްރު ތަހުގީގު ޑޮކިއުމެންޓްގައި ވާގޮތުން އެ ފްލައިޓް ވެއްޓެން މެދުވެރިވީ ޕައިލެޓުން ބޯޓު ތެރޭގައި ސިނގިރޭޓް ބުއިމުގެ ސަބަބުންނެވެ.

2022 ވަނަ އަހަރުގެ މާޗް މަހު ބީއީއޭ އިން ވަނީ، ފްލައިޓް ވެއްޓުމުގެ ކުޑަ އިރުކޮޅެއް ކުރިން ކޮކްޕިޓްތެރޭގައި ޕައިލެޓެއްގެ އޮކްސިޖަން މާސްކުން އޮކްސިޖަން ލީކުވި ކަމަށް ބުނެފައެވެ. އަދި މިގޮތަށް ބުނެފައި ވަނީ އޮކްސިޖަން ބޭރުވާ އަޑު ކަޅު ފޮށި ޑޭޓާއަށް ރެކޯޑް ކުރެވިފައިވާތީއާއި އެކުގައެވެ.

އިޓަލީގެ ނޫހެއް ކަމަށްވާ ކޯރީރޭ ޑެލާ ސޭރާ އިން ހޯދި މި ރިޕޯޓްގައި ވާ ގޮތުން މެއިންޓެނެންސް އިންޖިނިއަރަކު ކޯ ޕައިލެޓްގެ އޮކްސިޖަން މާސްކް "ނޯމަލް" އަށް ލުމުގެ ބަދަލުގައި "އިމަޖެންސީ" މޯޑުގައި ހުރީ ބަހައްޓާފައެވެ. މިއީވެސް އޮކްސިޖަން ލީކް ވެދާނެ ސަބަބެއް ކަމަށް ވެއެވެ.

ރިޕޯޓްތައް ބުނާގޮތުގައި، ސިނގިރޭޓުގެ ސަބަބުން އަލިފާން ގަނޑެއް ރޯވިވިއިރު، އަލިފާންގަނޑު ފެތުރިގަތީ އޮކްސިޖަން ލީކްގެ ސަބަބުންނެވެ. އަދި މިކަންވީ ގެއްލުނުތާ ކުޑަ ވަގުތުކޮޅެއް ކުރީގައެވެ. އަދި އެ ބޯޓުގެ ޑިޓެކްޝަން ސިސްޓަމުން، ބޯޓުގެ ކުރީގައި ދުމުގެ އަސަރު ހުރިކަމުގެ އިންޒާރު ދީފައިވާ ކަމަށްވެސް ރިޕޯޓްގައި ބުނެފައި ވެއެވެ. އެ ދުވަސްވަރަކީ މިސްރުގެ ފްލައިޓްގެ ކޮކްޕިޓް ތެރޭގައި ސިިނގިރޭޓް ބޯން ހުއްދަވެސް ދީފައިވާ ދުވަސްވަރެކެވެ. އެކަމަކު ފަހުން ވަނީ އެކަން ބަދަލުކޮށްފައެވެ.

މި ހާދިސާ ހިނގިއިރު، ޕެރިހާއި ބްރަސަލްސްގައި ހުންނަ ކޮންސަރޓް ހޯލުގައި ދިން ނިރުބަވެރި ހަމަލާއާ ގުޅިގެން ކަމާބެހޭ ފަރާތްތަކުން ތިބީ އެންމެ މަތީ އެލާޓްގައެވެ.

އަދި ނިރުބަވެރިކަމުގެ ތުހުމަތުތަކާ ގުޅިގެން މިސްރުގެ ކަމާބެހޭ ފަރާތްތަކުން އެމީހުންގެ ހޯދުންތައް ހާމަކޮށްފައެއް ނުވެއެވެ. އަދި ބައިނަލްއަގްވާމީ ގާނޫނުތަކުން ކަނޑައަޅާފައިވާ ގޮތަށް އެއް އަހަރު ދުވަހުގެ ތެރޭގައި ރިޕޯޓެއް ނެރެން ޖެހޭނެއެެވެ.