ސްރީލަންކާގެ ކުރީގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަ އާއި އެމަނިކުފާނުގެ ދަރިކަލުން، ކުރީގެ ސްޕޯޓްސް މިނިސްޓަރ ނަމާލް ރާޖަޕަކްސަ ފުރުން މަނާކޮށް ލަންކާގެ ފޯޓް މެޖިސްޓްރޭޓް ކޯޓުން އަމުރެއް ނެރެފިއެވެ.

މީގެ އިތުރަށްވެސް ރާޖަޕަކްސަ އާއި ގާތް ގުޅުމެއް އޮންނަ 11 ފަރާތެއްވެސް ފުރުން ވަނީ މަނާކޮށްފައެވެ. އޭގެ ތެރޭގައި ޖޯންސްޓޯން ފެނާންޑޯ، ޕަވިތުރަ ވަންނިއަރައްޗީ، ސީ.ބީ ރަތުނަޔަކަ، ސަނަތު ނިޝާންތާ، އަދި ސަންޖީވާ އެޑިރިމަން ހިމެނެއެވެ.

އަދި ވެސްޓާން ޕްރޮވިންސް ޑެޝަބަންޑޫ ޓެނަކޯން ހިންގުމާ ހަވާލުވެ ހުންނެވި ސީނިއާ ޑެޕިއުޓީ އިންސްޕެކްޓާ ޖެނެރަލް އޮފް ޕޮލިސް (އެސްޑީއައިޖީ) ގެ މައްޗަށް ވެސް އެފަދަ އަމުރެއް ނެރެފައި ވެއެވެ.

ފޯޓް މެޖިސްޓްރޭޓް ކޯޓުން މިފަދަ އަމުރެއް ނެރެފައި ވަނީ ލަންކާގެ ބާ އެސޯސިއޭޝަން (ބީއޭއެސްއެލް) އިން ތާއީދުކޮށްފައިވާ އެޓާނީ ޖެނެރަލްގެ ފަރާތުން ހުށަހެޅި ހުށަހެޅުމަކަށް ރިއާޔަތްކޮށެވެ،

އެ މީހުން ފުރުން މަނާ ކުރީ ލަންކާގައި ސުލްހަވެރިކަމާއެކު ގޯލް ފޭސް ގްރީން ކައިރީގައި އޮންނަ "ގޯޓާގޮގާމާ" މުޒާހަރާ ކުރާ ސަރަހައްދުގައި މުޒާހަރާ ކުރަމުންދާ މީހުންނަށް ރާޖަޕަކްސަ އަށް ތާއިދު ކުރާ މީހުން ހަމަލާތައް ދިން މައްސަލައިގައެވެ.

ގޯޓާގޮގާމާ ސަރަހައްދަކީ އޭޕްރިލް މަހުން ފެށިގެން ކޮލަމްބޯގެ ގޯލް ފޭސް ސަރަހައްދުގައި ސަރުކާރާއި ދެކޮޅު ފަރާތްތަކުން ކޭމްޕް ކޮށްގެން ތިބޭ ސަރަހައްދެވެ. އެތަނަށް ކޮންމެ ދުވަހަކުވެސް އެތައް ހާސް ބަޔަކު ދާއިރު އެތަނުން ހިލޭ ކާބޯތަކެއްޗާއި ކޭމްޕްތަކުގައި ނިދުމުގެ އިންތިޒާމް އޮވެއެވެ.

އެ ސަރަހައްދާށް އެއްވެ ތިބި މީހުންނަށް މިދިޔަ ހޯމަ ދުވަހު ހަމަލާ ދީފައި ވަނީ އެ ގައުމުގައި ވެރިކަން ކުރަމުން އަންނަ އެސްއެލްއެލްޕީގެ ސަޕޯޓަރުންނެވެ. މިއާއެކު އެ ސަރަހައްދުގެ މަސްރަހު ވަަރަށް ބޮޑަށް ހޫނުވެ، ހަމަލާތައް ބަދަލު ކުރަން ފެށިއެވެ.

އަދި ފަހުން ފުލުހުން މި ސަރަހައްދުތަކުގައި ކާފިއު އިއުލާނުކޮށްފައި ވެއެވެ.