ސީރިއާގެ ޑެއިރް އެޒް ޒޫރު ސިޓީއަށް އައި ބާރުގަދަ ވެލީގެ ތޫފާނެއްގައި ނުވަ މީހަކު މަރުވެއްޖެއެވެ. މަރުވި ބައްޕައަކާއި އޭނާގެ ދަރިފުޅު ވެސް ހިމެނެއެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި، އާދަޔާ ޚިލާފަށް ގަދަ ވަޔާއެކު ބޯކޮށް ވާރޭ ވެހުމާއެކު އާދީއްތަ ދުވަހު ފެށި މި ވިއްސާރައިގެ ސަބަބުން ނުވަ މީހަކު މަރުވެފައިވެއެވެ. އޭގެ ތެރޭގައި ބައްޕައަކާއި އޭނާގެ ދަރިފުޅުގެ އިތުރުން އިތުރު ދެ ކުއްޖަކާއި، އަންހެނަކާއި އިތުރު ތިން ފިރިހެނަކު ހިމެނެއެވެ.

އެ ވެލީގެ ތޫފާނުގެ ބާރު ގަދަވުމުގެ ސަބަބުން އެތައް ސަތޭކަ ބަޔަކު ނޭވާ ހާސްވެގެން އުޅެން ޖެހުނުއިރު، އެތައް ބަޔަކު ޒަޒަމްވިކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

މި ތޫފާނުގެ ސަބަބުން ގިނަ ގެތަކެއް ވެއްޓި، އެތައް ކާރެއް ހަލާކުވެ، އާންމުންގެ މުދަލަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް ވެއެވެ.

އޭގެ އިތުރުން، އެ ތޫފާންގެ ސަބަބުން ސިޓީގެ ބައެއް ހިސާބުތަކުގެ ގަސްތައް އުފުރައި، އެ ސިޓީގެ އާންމުންނާއި ޓްރެފިކް މޫވްމަންޓަށްވެސް އަސަރު ކުރިއެވެ.

އަރަބި ރީޖަނަލް ވެދަރ ސެންޓަރުން ބުނީ މި ތޫފާނުގެ އަސަރު އިރާގާއި ސައުދީ އަރަބިއްޔާ އަދި ކުވައިތުގެ ބައެއް ސަރަހައްދުތައް މިއަދު ކުރާނެ ކަމަށް ލަފާކުރެވެއެވެ.

މެދުއިރުމަތީގެ ގައުމުތަކަށް ދޭތެރެ ދޭތެރެއިން ވެލީގެ ތޫފާންތައް އަރައެވެ.