އިންޑިއާގެ ޓަމިލް ނެޑޫގެ ކައްލަކުރިޗީގައި ހުންނަ އަމިއްލަ ސްކޫލެއްގައި އަމިއްލައަށް މަރުވި ގްރޭޑް 12ގެ ދަރިވަރެއްގެ މަރާއެކު، އެ ހިސާބުގައި ހަމަނުޖެހުންތަކެއް ހިނގައިފިއެވެ.

މި މައްސަލައިގައި މެޑްރާސް ހައިކޯޓުން ވަނީ އެ ކުއްޖާގެ ޕޯސްޓްމޯޓަމް އަލުން ހަދަން އެދިފައެވެ.

އެ ކުއްޖާގެ މަރާއި ގުޅިގެން ވަރަށް ބޮޑެތި ހަމަނުޖެހުންތަކެއް އެ ސްކޫލް ކައިރީގައި ހިނގިއެވެ. އޭގެ ތެރޭގައި ތަންތަނަށް ގެއްލުން ދިނުމާއި، ބަސްތަކާއި އެއްޗެހީގައި ރޯކޮށްލުން ހިމެނެއެވެ.

ކޯޓުން ވަނީ އެމީހުންނާއި މެދުވެސް ހަރުކަށި ފިޔަވަޅުތައް އެޅުމަށް އަންގާފައެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި، މި މައްސަލައިގައި ފުލުހުން ވަނީ ޕްރިންސިޕަލް ސެކެރެޓަރީ އާއި ސްކޫލްގެ ކޮރެސްޕޮންޑެންޓްވެސް ހައްޔަރު ކޮށްފައެވެ. އަދި ކެމްޕަސް ކައިރީގައި ހިނގި ހަމަނުޖެހުންތަކުގައި 100 އަށްވުރެ ގިނަ މީހުންވެސް ހައްޔަރުކޮށްފައި ވެއެވެ.

ފުލުހުން ބުނެފައިވާގޮތުގައި، އެ ކުއްޖާ ސްކޫލް ހޮސްޓެލްގެ ތިން ވަނަ ފަންގިިފިލާއިން ފުންމާލާފައި ވަނީ ޖުލައި 13 ވަނަ ދުވަހުއެވެ. އެ ކުއްޖާގެ އާއިލާއިން ތުހުމަތު ކުރާގޮތުގައި، ދެ ޓީޗަރަކު ވަނީ ނަފްސާނީ ގޮތުން އުނދަގޫކޮށް ނިކަމެތި ކޮށްލާފައެވެ.

ފުލުހުން ބުނީ އެ އަންހެން ކުއްޖާ ލިޔެފައިވާ ނޯޓެއްގައި ބުނެފައި ވަނީ އެތައް މާއްދާއަކުން އޭނާއަށް އުނދަގޫތަކާއި ކުރިމަތިވަމުންދިޔަ ކަމަށާއި، އޭނާގެ މާކްސްތަކާއި މެދު ޓީޗަރުން ހިތްހަމަނުޖެހޭތީ އެކަމާއި އޭނާއަށް ނިކަމަތި ބަސްތައް ރައްދު ކުރާ ކަމަށެވެ.

އެ އަންހެން ކުއްޖާ މަރުވެފައި އޮއްވާ ފެނުނު ތަން ކައިރީގައި ހުރި ފާރުގައި ލޭގެ އަތްތިލައެއްގެ ނިޝާން ހުރި ކަމަށް އެ އަންހެން ކުއްޖާގެ މައިންބަފައިން ވަނީ ބުނެފައެވެ. އެމީހުން ވަނީ އޭނާއަށް ޖިސްމާނީ އަނިޔާތަކެއް ދީފައިވާ ކަމަށްވެސް ބުނެފައެވެ.

މި މައްސަލައިގައިކުޑަކުއްޖާގެ ގާތްތިމާގެ މީހުންނާއި އޭނާގެ އަވަށަށް ނިސްބަތްވާ ކުޑަލޯރު ޑިސްޓްރިކްޓްގެ ޕެރިޔާނަސަލޫރަށް ނިސްބަތްވާ މީހުން ވަނީ މުޒާހަރާއަށް ނުކުމެފައެވެ.

އިއްޔެ ސްކޫލް ކެމްޕަހުގެ ބޭރުގައި ކުރި މުޒާހަރާ ވަނީ ބޮޑު ހަމަނުޖެހުމަކަށް ބަދަލުވެފައެވެ. އަދި މުޒާހަރާގެ ބައިވެރިން ފުލުހުންނާ ކުރިމަތިލައި މަދުވެގެން 15 ބަހެއްގައި އަލިފާން ރޯކޮށްލިއެވެ. މިހާދިސާގައި ފުލުހުންގެ އިސް އޮފިސަރުން ހިމެނޭ ގޮތަށް އެތައް ބަޔަކަށް އަނިޔާވެސް ވިއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ރަދީފްއޮފިޝިއަލް

    އިންކްރެޑިބްލާ ގަމާރު ޔިންޑިޔަންސް.

    • Anonymous

      ކަލޭމެން ކަހަލަ މީހުނާ ހެދި ދިވެހިން ގަމާރޭ ކިޔަނީ. މިގައުމު ވެސް މިއޮތީ ހަަމަ އެހާލުގަ