އިންޑިއާގެ ކެރެލާއަށް ނިސްބަތްވާ އުމުރުން 31 އަހަރުގެ ފިރިހެނަކު މަކުނި ވިދުރިއަށް ފައްސިވެއްޖެއެވެ. މިއީ އެ ގައުމުން ފެނުނު މި ބަލީގެ ދެ ވަނަ ވޭދަނައެވެ.

އެ ގައުމުގެ ފެނުނު އެ ބަލީގެ ދެވަނަ ވޭދަނައަކީ ކަންނޫރު ޑިސްޓްރިކްޓަށް ނިސްބަތްވާ މީހެކެވެ. އޭނާއަކީ ދުބާއީން ޖުލައި 13 ވަނަ ދުވަހު ކަރްނާޓަކާގެ މަންގަލޫރު އެއާޕޯޓުން އެ ގައުމަށް އެތެރެވި މީހެކެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެއާޕޯޓުގައި ދަނީ ސްކްރީން ކުރުމުގެ މަސައްކަތް ކުރަމުންނެވެ.

އަދި އެ މީހާގެ ސުންކު ޕޫނޭގައި ހުންނަ ނޭޝަނަލް އިންސްޓިޓިއުޓް އޮފް ވައިރޮލޮޖީ (އެންއައިވީ) އަށް ފޮނުވުމުން އެ ސުންކު އެ ބައްޔަށް ފައްސިވެފައިވާ ކަމަށް އޮފިޝަލުން ބުންޏެވެ.

ރިޕޯޓްތައް ބުނާގޮތުގައި، ކަންނޫރުގައި ހުންނަ ޕަރިޔާރަމް މެޑިކަލް ކޮލެޖުގައި އޭނާއަށް ދަނީ ފަރުވާދެމުންނެވެ. އޭނާގެ ސްޓޭބަލް ކަމަށް އެ ސްޓޭޓްގެ ހެލްތު ޑިޕާޓްމަންޓުން ކަށަވަރުކޮށްދީފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

އެ ގައުމުން އެންމެ ފުރަތަމަ އެ ބައްޔަށް ފައްސިވެފައި ވަނީ މިދިޔަ ހަފްތާގައި ޔޫއޭއީ އިން ކެރެލާއަށް އައި މީހެކެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) އިން ބުރާސްފަތި ދުވަހު ވަނީ މި ބަލި ފެތުރިގެން ދިއުމަކީ ދުނިޔޭގެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތެއްތޯ ނިންމުމަށް ޖުލައި 21 ވަނަ ދުވަހު "އެކްސްޕާޓް މަންކީޕޮކްސް ކޮމިޓީ"ގެ ބައްދަލުވުމެއް އަލުން ބާއްވަން ނިންމާފައިވާ ކަމަށް ބުނެފައެވެ.